ޗެލްސީގެ ފުރުސަތުތައް ބޭކާރުވެ، ވުލްވްސްގެ އަތްދަށުވެއްޖެ

ވުލްވްސްގެ ފުރަތަމަ ލަނޑު ޖަހައިދިން މާރިއޯ ލެމީނާ -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްއިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޗެލްސީންނެވެ. އެކަމަކު، އެ ހަމަލާތައް ގޯލަށް ނިންމައިނުލެވި އެ ޓީމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ސީޒަންގައި ޗެލްސީއަށް މިހާރުވަނީ ލަނޑު ޖަހަން ބޮޑު 36 ފުރުސަތު ލިބި ބޭކާރުވެފައެވެ. މިއީ މި ސީޒަންގައި ޕްރިމިއާ ލީގުގައި އެކަން އެންމެ ބޮޑަށް ދިމާވެފައިވާ ޓީމެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މެޗުގެ ލީޑު އެންމެ ފުރަތަމަ ނަގައިފާވަނީ މެޗުގެ 51 ވަނަ މިނެޓްގައި މާރިއޯ ލެމީނާ ކާމިޔާބު ކޮށްދިން ލަނޑަކުން ވުލްވްސްއެވެ. އަދި، މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީ މެޓް ޑޮހަޓީއެވެ. މި ލަނޑާއެކު މިމެޗުން މޮޅުވާނެކަން ގާތްގަނޑަކަށް ވުލްވްސްއިން ޔަގީން ކުރި ނަމަވެސް އޭގެ ތިން މިނެޓް ފަހުން ޗެލްސީގެ ކްރިސްޓޮފާ އެންކުންކޫވަނީ ލަނޑެއްޖަހައި ތަފާތު ކުޑަކޮށްފައެވެ. މިއީ އަނިޔާގެ ސަބަބުން މި ސީޒަންގައި ނުކުޅެ ހުރުމަށްފަހު އެންކުންކޫ ޗެލްސީއަށް ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ލީގަށް ބަލާއިރު 2023 ވަނަ އަހަރު އެންމެ ގިނަ މެޗުން ބަލިވެފައިވާ ޓީމަކީވެސް މިވަގުތު ޗެލްސީއެވެ. އެއީ 19 މެޗެވެ. މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލާއިރު ހަތަރުވަނައެވެ. ޗެލްސީއަށް ވުރެ ގިނައިން 2023 ވަނަ އަހަރުގެ މެޗުން ބަލިވެފައިވަނީ ސްޕެނިޝް ލަލީގާއިން އަލްމޭރިއާ - 24 މެޗު، ޖަރުމަނު ބުންޑަސްލީގާއިން ވާޑާ ބްރޭމަން - 20 މެޗު އަދި އިޓަލިއަން ސެރީއާއިން އެމްޕޯލީ - 20 މެޗެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޗެލްސީއަށް ލިބޭ ފުރުސަތުތަށް ނިންމާލުމުގައި މިހާރަށްވުރެ ރަނގަޅުވާން ޖެހޭ ކަމަށެވެ. އަދި، އެންމެ ބޮޑަށް ދެރަވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި މެޗުން ބަލިވުމުންކަމަށް ވެސް އޭނާ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ އޭނާގެ ޓީމުގައި ލީގަށް މުޅިން އާ ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަށް ލީގަށް ހޭނެން ވަގުތު ނަގަނީ ކަމަށެވެ.

މެޗު ކާމިޔާބު ކުރުމާ އެކު ވުލްވްސް މިހާރު ވަނީ 18 މެޗުން ލިބިފައިވާ 22 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގައެވެ. އެއީ، ޕޮއިންޓްގެ ގޮތުން ޗެލްސީއާއި އަރާ ހަމަ ކުރުމާ އެކު ވެސް ފައިދާ ގޯލަށް ބަލާއިރު ޗެލްސީއަށް ކުރި ލިބޭތީއެވެ. ޗެލްސީ އުޅެނީ 10 ވަނައިގައެވެ.

comment ކޮމެންޓް