ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ 12ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވެފައި އޮތް ފިލްމު "މެރީ ކްރިސްމަސް"ގެ ޓްރެއިލާ ބެލުމަށް ފަހު ބަތަލާ އާލިއާ ކެޓްރީނާ ކައިފަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.
ލީޑު ރޯލުން ކެޓްރީނާ ކައިފް އަދި ސައުތު އެކްޓަރު ވިޖޭ ސެތުޕަތިއާ ފެންނަ މި ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު އާލިއާ ބުނީ އެފަދަ ރޯލެއް ކުޅެވޭނީ ހަމައެކަނި ކެޓްރީނާއަށް ކަމަށާއި ފިލްމުގެ ޓްރެއިލާ ހަމަ ގައިމު ވެސް 'ވަރަށް ކޫލް' ކަމަށެވެ.
އާލިއާގެ ތައުރީފު ބަތަލާ ކެޓްރީނާއަށް ލިބުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ފިލްމު ބެލުމަށް މާ ބޮޑަށް ވެސް ޝައުގުވެރިކަން އުފެދިއްޖެ ކަމަށް ބުނެފައެވެ. އާލިއާ ފަދަ ބޮލީވުޑްގެ ހުނަރުވެރި ބަތަލާއަކު ފިލްމަށް ތަޢުރީފު ކުރާނީ ފިލްމުގެ ވާހަކައިގައި އޮށްޓަރެއް ހުރުމުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
އާލިއާ ބަޓްގެ ފިރިމީހާ ރަންބީރު ކަޕޫރާ އެކު ދިގު މުއްދަތަކަށް ލޯބީގެ ގޮތުން ގުޅުނު ކެޓްރީނާއާއި އާލިއާ އަކީ ކުރިން ވެސް ވަރަށް ގާތް ދެ ފިލްމީ ތަރިންނެވެ. އެގޮތުން އެކަކު އަނެކަކުގެ ފިލްމުތަކަށް ތައުރީފުކޮށް އެކަން ސޯޝަލް މީޑިއާގައި ހާމަކުރުމަކީ އާއްމު ކަމެކެވެ. ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަށް އާލިއާ ތައުރީފުކޮށްފައިވާއިރު ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމު "ފައިޓާ"އާ ބެހޭގޮތޮން އެއްވެސް ބުނެފައިނުވާތީ އެކަމަށް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.
ކެޓްރީނާ އާއި ވިޖޭގެ އިތުރުން ސަންޖޭ ކަޕޫރު، ވިނޭ ޕަތަކް އަދި ރާދިކާ އަޕްޓޭ ފެންނަ މި ފިލްމަކީ ލޯބީގެ ހާދިސާތަކެއް އެކުލެވޭ ކްރައިމް ތުރިލާ އެކެވެ.