ޝާހު ކުޑަ ޗުއްޓީއަކަށް، ފިލްމެއްގެ މަސައްކަތް ދެން އޮތީ އޭޕްރީލުގައި

އެކްޓަރު ޝާހްރުކް ޚާން

މި މަހުގެ 22ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ޝާހްރުކް ޚާންގެ ފިލްމު "ދުންކީ"އަށް ފަހު އެކްޓަރު ދެން އިތުރު ފިލްމެއްގެ މަސައްކަތް ފަށާނީ ކުރިއަށް އޮތް އަހަރުގެ އޭޕްރިލް މަހު ތެރޭ ކަމަށް ބުނެފިއެވެ.

ޝާހު މި އަހަރު ފެނިފައިވަނީ ބޮޑަށް އެކްޝަން ތުރިލާ ފިލްމުތަކުން ކަމަށްވުމާ އެކު ދެން އިސްކަން ދޭނީ ޢުމުރާ ވީހާވެސް ބޮޑަށް ގުޅުން ހުރި ރޯލްތައް ކުޅުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ މީޑިއާ އޮގަނައިޒޭޝަން (އެމްބީސީ)އަށް ދިން އިންޓަވިއުއެއްގައި 58 އަހަރުގެ އެކްޓަރު ބުނީ ޢުމުރާ ގުޅޭ ރޯލްތައް ކުޅުނު ނަމަވެސް ޝާހުގެ ސްޓާޑަމްއަށް އެއްވެސް އުނިއިތުރު ކަމެއް އަންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ހިންދީ ސިނަމާގެ އެންމެ ހިތްގައިމު ކަމަކީ ވެސް އެއީ ކަމަށް މި އަހަރު ބޮޑު ކާމިޔާބީއެއް ހޯދި "ޖަވާން"ގެ އެކްޓަރު ވަނީ ބުނެފައެވެ. މިސާލެއްގެ ގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ މެލް ގިބްސަން އަދި ޖޯޖް ކްލޫނީއަށް އިޝާރާތް ކުރަމުން ޝާހު ބުނީ އެފަދަ އެކްޓަރުންނަކީ އެ މީހުންގެ އުމުރާ ގުޅޭ ރޯލްތައް ކުޅެމުން ވެސް އެ މީހުންގެ ސްޓާޑަމް ގެއްލިފައިނުވާ ފިލްމީ ތަރިން ކަމަށެވެ.

ޝާހްރުކް ޚާން ދަރިފުޅު ސުހާނާ ޚާންއާ އެކު-- ފޮޓޯ/ ބޮލީވުޑް ހަންގާމާ

ޝާހްރުކް ޚާންގެ ކެރިއަރުގައި މިހާތަނަށް އެންމެ ކުޅެން ބޭނުންވި ރޯލަކީ އެކްޝަން ތަރިއެއްގެ ރޯލް ކަމަށާއި އެކަން ހަޤީޤަތަކަށް ވާން 20 އަހަރު ނެގިއިރު އަމިއްލަ ޢުމުރު ގުޅޭ ރޯލެއް ކުޅެން އިތުރު 20 އަހަރު ހޭދަނުކުރާނެ ކަމަށް ޝާހު ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ އޭޕްރިލް މަހު ފަށާ ފިލްމެއްގެ ވާހަކަ ޝާހު ބަޔާންކޮށްފައިވަނީ ދަރިފުޅު ސުހާނާ ޚާންއާ އެކު ކުޅޭ ފިލްމަށް އިޝާރާތްކޮށެވެ. ކުޅަދާނަ ޑައިރެކްޓަރު ސިދާތު އާނަންދުގެ އަމިއްލަ ކުންފުންޏާ ރެޑް ޗިލީޒް ގުޅިގެން އުފައްދާ މި ފިލްމުގެ ނަމަކީ "ދަ ކިންގް"އެވެ.

comment ކޮމެންޓް