ބާސާއިން ފީލިކްސްގެ ލޯނުގެ މުއްދަތު އިތުރުކުރަނީ

ލޯނުގެ ދަށުން ބާސާއަށް ކުޅެމުންދާ ޕޯޗުގަލް ފޯވަޑް ޖޮއާއޯ ފީލިކްސް -- ފޮޓޯ/ ގެޓީ

ޕޯޗުގަލް ފޯވަޑް ޖޮއާއޯ ފީލިކްސްގެ ލޯނުގެ މުއްދަތު އިތުރުކުރުމަށް ބާސެލޯނާ އިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިސީޒަނުގައި ލޯނުގެ ދަށުން އެތުލެޓިކޯ މެޑްރިޑުން ބާސާއަށް ގެންދިޔަ ފީލިކްސްގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާން ގާތްވެފައިވާތީ، މި ސީޒަނުގެ ނިޔަލަށް އޭނާގެ ލޯނުގެ މުއްދަތު އިތުރުކުރުމަށް ބާސާއިން ދަނީ މަސައްކަތްކުރަމުންނެވެ.

ބާސާއިން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ފީލިކްސް ގެންދިއުމަށް ބޭނުންވި ނަމަވެސް، އެ ކްލަބުގެ މާލީ ހާލަތާ ގުޅިގެން އެ ކަން ވެފައެއް ނުވެއެވެ.

އޭގެ އިތުރުން މާލީ ހާލަތާ ގުޅިގެން ފީލިކްސްގެ ލޯނުގެ މުއްދަތު އިތުރުކުރުމަށް ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެތުލެޓިކޯގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވި ނަމަވެސް، މި ސީޒަނުގައި ބާސާއާއެކު ފީލިކްސް ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

އެކަމާ ގުޅިގެން މިހާރު އެތުލެޓިކޯ އިން ވެސް އޭނާ ދޫކޮށްލަން ބޭނުން ނުވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވެސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ދާއިމީ ގޮތެއްގައި އޭނާ ގެންދަން ބޭނުންނުވާނަމަ، އެތުލެޓިކޯ އިން އެހެން ގޮތަކަށް އޭނާ ދޫކޮށްލުމުގެ ވިސްނުމެއް ނެތެވެ.

ބެންފީކާ އިން 2019ވަނަ އަހަރު އެތުލެޓިކޯއާ ގުޅުނު ފީލިކްސް ވަނީ މީގެ ކުރިން ވެސް ލޯނުގެ ދަށުން އެހެން ކްލަބަކަށް ކުޅެފައެވެ. މިދިޔަ ސީޒަނުގައި ލޯނުގެ ދަށުން އޭނާ ފެނުނީ ޗެލްސީންނެވެ.

comment ކޮމެންޓް