އަމިއްލައަށް މުސާރަ ކަނޑަނޭޅޭހެން ގަވާއިދު އިސްލާހުކުރަން ޓްރާންސްޕޭރެންސީން ގޮވައިލައިފި

ޓްރާންސްޕޭރެންސީ މޯލްޑިވްސް

މަޖިލިސް މެމްބަރުންނަށް އެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އަމިއްލައަށް ކަނޑަނޭޅޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވައިލައިފިއެވެ.

ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މެމްބަރުންގެ މުސާރަ އަމިއްލައަށް ބޮޑުކުރުމަކީ މަސްލަހަތަށް ފުށޫ އަރާ ކަމެއްކަމަށެވެ.

އެގޮތުން މި ދައުރު ނިމެން ކައިރިވެފައި ވަނިކޮށް މަޝްވަރާއަކާ ނުލައި، މެމްބަރުންގެ މުސާރަތައް އަންނަ އަހަރުން ފެށިގެން ބޮޑުކުރުމުން މެމްބަރުންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ޓްރާންސްޕޭރެންސީއިން ބުންޏެވެ.

މީގެ އިތުރުން، 2019ވަނަ އަހަރު މަޖިލީހުގެ ގަވާއިދު އިސްލާހު ކުރިއިރު ވެސް ކޮމިޓީ އެލަވަންސްތައް ކަނޑައިލައި، މެމްބަރުން ކުރާ ޚަރަދު ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް އިސްލާހުތަކެއް އެ ޖަމިއްޔާއިން ހުށަހެޅިކަން ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

ޓްރާންސްޕޭރެންސީން ބުނީ، ކޮމިޓީ މަސައްކަތަކީ މަޖިލިސް މެމްބަރުންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ މަސައްކަތަކަށް ވުމުން އެ ކަމަށް އިތުރު އެލަވެންސެއް ދިނުން ބަލައިނުގަނެވޭ ކަމަށެވެ.

އެއާއެކު ޓްރާންސްޕޭރެންސީން ވަނީ އިތުރު ތިން ކަމަކަށް ވެސް ގޮވައިލައިފައެވެ. އެއީ:

  • މުސާރަ ބޮޑުކުރުމުގައި ހާމަނައިޒް އެޕްރޯޗެއް ގެންގުޅެ ގިންތީގެ ފަރަގު ކުޑަކޮށް ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތް ކުރުން.

އެ ބަޔާނުގައި ވަނީ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވާއިރު، މަތީ މަގާމުތަކުގެ މުސާރައަށް މިފަދަ ބަދަލެއް ގެނައުމަކީ ޕޭ ހާމަނައިޒޭޝަންގެ މަގުސަދާ މިކަން ހާސިލް ކުރަން ކުރެވިފައިވާ މަސައްކަތާ މުޅީން ޚިލާފު ކަމެއް ކަމަށެވެ.

  • މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލް ފާސްކުރުން:

އެގޮތުން އިސް މަގާމުތަކަށް ބޮޑު މުސާރައެއް ހުށަހެޅުމުގެ މަގްސަދަކީ މަސްލަހަތު ފުށުއެރުމާއި، ކޮރަޕްޝަނާއި ނަހަމަ މުދަލާ ފައިސާ ހޯދުން ހުއްޓުވުން ކަމަށް ބުނެފައިވެއެވެ.

ދެހާސް ބާވީސް ވަނަ އަހަރު އެ ޖަމިއްޔާއިން މަޖިލީހަށް ހުށަހެޅި މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލް މިއަދާ ހަމައަށް ވެސް މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީގައި އޮތްކަން ފާހަގަކޮށް، ޓްރާންސްޕޭރެންސީން ބުނީ މެމްބަރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމު ހަރުދަނާ ނުކޮށް، މެމްބަރުންގެ މުސާރަ ބޮޑުކުރުމުން މިވަގުތު މިކަމުގެ މަގުސަދު ގެއްލި ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.

https://sun.mv/186316

މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަށް އަމާޒުވެފައެވެ.

comment ކޮމެންޓް