ޒަކަރިއްޔާ ވަކިކޮށް، ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ވައިސް ވަހީދު

ޒައްކަރިއްޔާ މަންސޫރު: އޭނާ ވަނީ ކައުންޓަ ޓެރަރިޒަމްގެ ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުން ވަކިކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު އެ މަގާމުން ވަކިކޮށް، މޭޖާ ޖެނެރަލް ރިޓަޔާޑް ވައިސް ވަހީދު އެ މަގާމަށް ހަމަޖައްސައިފިއެވެ.

ޒަކަރިއްޔާ މަންސޫރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ. ޖުމުލަ 37 އަހަރު ސިފައިންގޭގައި ޚިދުމަތްކުރެއްވުމަށް ފަހު، ޒަކަރިއްޔާ މަންސޫރު ޚިދުމަތުން ރިޓަޔާކުރެއްވީ 9، ޑިސެމްބަރު 2021 ގައެވެ.

އޭގެ ފަހުން، އޭނާ ހުންނެވީ އެންސީޓީސީގެ އެންމެ އިސް މަގާމުގައެވެ. އެކަމަކު، ސަރުކާރު ބަދަލުވުމާ އެކު ނޮވެމްބަރު 17ގައި އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އެހެންވެ، ސިފައިންގެ ޚިދުމަތުން ރިޓަޔާކުރައްވާފައިވާ ޒަކަރިއްޔާ މި ވަގުތު ހުންނެވީ ސަރުކާރުގެ އެއްވެސް މަގާމެއްގައެއް ނޫނެވެ.

އޭނާ ވަނީ މާސްޓާ އޮފް އާޓްސް އިން ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓަޑީސް ހާސިލު ކުރައްވައިފައެވެ. އަދި، މިލިޓަރީގެ ތަފާތު ގިނަ ދާއިރާތަކުންނާއި ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ކޯސްތަކާއި ތަމުރީނު ޕްރޮގްރާމުތައް ފުރިހަމަކުރައްވައިފައެވެ.

https://sun.mv/185994

އޭނާ ވަކިކުރުމަށް ފަހު، މި ސަރުކާރުން އެންސީޓީސީއަށް އައްޔަންކުރައްވާފައިވަނީ މޭޖާ ޖެނެރަލް ރިޓަޔާޑް ވައިސް ވަހީދެވެ.

އޭނާ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1989 ވަނަ އަހަރުގެ ޖޫން 19 ގައެވެ. ޖުމުލަ 34 ސިފައިންގޭގައި ޚިދުމަތް ކުރެއްވުމަށް ފަހު، އޭނާ ޚިދުމަތުން ރިޓަޔާކުރެއްވީ މި މަހު 12 ގައެވެ.

ރިޓަޔާ ކުރެއްވިއިރު ވައިސް ވަހީދު ހުންނެވީ ސިފައިންގޭގެ މެރިންކޯ އަދި ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރަން ދިފާއީ ވުޒާރާގެ ދަށުން ހިންގާ އިދާރާއެކެވެ. އެންމެ ފުރަތަމަ އެންސީޓީސީ އުފެއްދީ އޮފީސް ފޯ ކައުންޓާ ޓެރަރިޒަމް (އޯސީޓީ)ގެ ނަމުގައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އޯސީޓީގެ ނަން ޑިޕާޓްމަންޓު އޮފް ކައުންޓާ ޓެރަރިޒަމަށް ބަދަލުކުރީއެވެ.

އެއަށް ފަހު، 2015 ވަނަ އަހަރު ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާނޫނެއް ފާސްވެ، ތަސްދީގު ކުރެއްވުމާ އެކު ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ އިދާރާއެއް އުފައްދަން ގާނޫނުން ލާޒިމުކުރިއެވެ. އެހެންވެ، ރިޔާސީ ގަރާރެއްގެ ދަށުން އެންސީޓީސީ އުފެއްދީ ފެބްރުއަރީ 25، 2016 ގައެވެ.

ދިފާއީ ވަޒީރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގާ އެންސީޓީސީގެ އެންމެ އިސްވެރިއަކީ ޑިރެކްޓަރު ޖެނެރަލެވެ. އެ އިދާރާގައި މަސައްކަތް ކުރާނީ ސިފައިންގޭގެ އޮފިސަރުންނެވެ.

comment ކޮމެންޓް