ސިޓީ ފަސްވަނައަށް ވައްޓާލައި، ސްޕާސް ހަތަރުވަނައަށް

ރިޗާލިސަން އަންނަނީ ސްޕާސްއަށް މުހިންމު ލަނޑުތަކެއް މި ސީޒަންގައި ޖަހައިދެމުން -- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހިޓްސްޕާއިން އެވަޓަންގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނި 2-1 އިންނެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ސްޕާސްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކުރިން އެވަޓަންއަށް ކުޅުނު ރިޗާލިސަންއެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. އަދި، މި ލަނޑު ޖެހިތާ ނުވަ މިނެޓުފަހުން ސްޕާސްއިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ.

މި މެޗުގައި ފަހަކަށް އައިސް އެވަޓަންގެ ފަރާތުން ފެންނަމުންދިޔަ ހިތްވަރު ގަދަ ކުޅުން ފެންނަމުން ނުދާކަން ގިނަ ބަޔަކަށް ހީވެގެންދިޔަ ނަމަވެސް ފުރަތަމަ ހާފުގެ ފަހު 10 މިނެޓްގައި އެވަޓަންގެ ފަރާތުން ވަނީ އެ ކުޅުން އަނެއްކާވެސް ފެނިގެން ގޮސްފައެވެ. މިގޮތުން މި ވަގުތު ކޮޅުގެ ތެރޭގައި އެވަޓަންއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސްޕާސްއިން ރަނގަޅަށް ޑިފެންޑް ކުރުމާއި އެވަޓަންގެ ނިންމުން އެހާ ރަނގަޅު ނުވުމުގެ ސަބަބުން ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަލާއަށް އިސްކަން ދީގެން ކުލެމުންދިޔަ ތަނެވެ. މެޗުގައި އެވަޓަންއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ އަނިޔާއިން އެނބުރި އައިސް ފުރަތަމަ މެޗު ކުޅެމުންދިޔަ އަންޑްރޭ ގޯނޭޒެވެ. މިއީ އޭނާ 2022 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

މި ނަތީޖާއާ އެކު ސްޕާސްއިން ވަނީ ދުނިޔޭގެ ޗެމްޕިއަން ކުލަބުގެ މަގާމް ހޯދާފައިވާ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ފަހަތަށް ޖައްސައިލާ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފައެވެ. ސްޕާސްއަށް މިހާރު ވަނީ 18 މެޗުން 36 ޕޮއިންޓު ލިބިގެން ގޮސްފައެވެ. މި ހަފުތާގައި ސިޓީ ކުޅެން އޮތް މެޗު ފަސްކޮށްފައިވުމުން ސިޓީ ވަނީ ފަސްވަނައަށް ވެއްޓިގެން ގޮސްފައެވެ. މެޗުން ބަލިވި އެވަޓަން މިހާރު އުޅެނީ 16 ޕޮއިންޓާ އެކު ތާވަލުގެ 16 ވަނައިގައެވެ.

comment ކޮމެންޓް