ޑާކްރެއިން ކްރޮނިކަލްސް މިފަހަރު ލޯތްބަށް

ތަފާތު އެކި ކަހަލަ ފިލްމުތައް ގެނެސްދިނުމަށް މަގުބޫލު ވެފައިވާ ޕްރޮޑަކްޝަން "ޑާކްރެއިން އެންޓަޓެއިންމެންޓް"ގެ އެންތޯލޮޖީ ސީރީޒް "ޑާކްރެއިން ކްރޮނިކަލްސް"ގެ އާ ސީޒަންއާ އެކު އެނބުރި އައުމަށް ތައްޔާރުވެއްޖެއެވެ.

ޑާކްރެއިންއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ޑާކްރެއިން ކްރޮނިކަލްސްގެ ނަމުގައި އެންތޮލޮޖީ ޝޯއެއް ރިލީޒްކޮށްފައެވެ. ޝޯގެ މައިގަނޑު ތީމަކަށް ބަދަލު ހިފުން ކަނޑައަޅައި ތަފާތު ހަ ވާހަކައެއް ކިޔައިދޭ ޝޯއެއް ވަނީ މިދިޔަ އަހަރު އާންމުކޮށްފައެވެ. މި ޝޯގެ ހަ އެޕިސޯޑުގައި ވެސް ބަދަލު ހިފުމާ ގުޅޭ މުޅީން ތަފާތު ވާހަކައެއް ކިޔައިދެއެވެ. އަދި ކޮންމެ އެޕިސޯޑަކުން ވެސް ތަފާތު ކާސްޓެއް ފެނިގެން ދިޔައެވެ.

އެ ފޯމެޓާ އެކު މި ފަހަރު ވެސް ޑާކްރެއިން ކްރޮނިކަލްސްގެ ދެވަނަ ސީޒަން ދައްކަން ފެށުމަށް މިހާރު މިއޮތީ ތައްޔާރުވެފައެވެ.

މި ސީޒަންގެ އެޕިސޯޑުތައް އަލިއަޅުވާލާނީ ލޯތްބަށެވެ. ލޯބީގެ އެކި ހަރުފަތާއި ލޯބީގެ އެކި ވާހަކަ ކިޔައިދޭ މި އެޕިސޯޑުތަކުގައި އެކި ކަހަލަ ކަންތައްތަކަށް އަލި އަޅުވާލާނެއެވެ. އޭގެ ތެރޭގައި ކުރީގެ ލޯބީގެ ހަނދާންތަކާއި ލޯތްބާ އެކު އުޅޭ އިރު ވެސް ދިމާވާ މައްސަލަތަކުގައި އަމަލު ކުރާ ގޮތްތައް ހިމެނެނޭއެވެ.

މި ސީޒަންގެ އެޕިސޯޑުތަކުގައި ވެސް ތަފާތު ކާސްޓު ހިމެނޭއިރު ދިވެހި ފިލްމު އިންޑަސްޓްރީއިން ފާހަގަކޮށްލެވޭ ބޮޑެތި ތަރީން މި ސީޒަނުން ފެންނާނެއެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބާއި އަހުމަދު ސައީދު ފަދަ އެކްޓަރުން ހިމެނެއެވެ. މީގެ އިތުރުން ވެސް ޝޯގެ އެޕިސޯޑުތަކުން ފެންނާނެ އެކްޓަރުންގެ ތެރޭގައި ނުޒުހަތު ޝުއައިބާއި ރަވީ ފާރޫގާއި މަރިޔަމް މަޖުދާގެ އިތުރުން ރަޒާން ރަމީޒްއާއި ސާމީ ހުސައިނާއި އައިޝާ އަލީއާއި ޝަރާ އާދަމް ހިމެނެއެވެ.

ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ މި ޝޯ ސްޓްރީމް ކުރުމަށް ދޫކޮށްލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް