ހުރިހާ މިނިވަންކަމެއް ހަނިކުރައްވައި، ދަތިކުރެއްވުމުގައި މިހާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުންނެވިކަމަށް ސިފަކުރައްވައި، އާދަމް ޝަރީފަށް ރުހުން ދޭންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މި ފަދަ މޭރުމަކުން އެކްސް ޕޯސްޓެއް ކުރެއްވީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ދަށުގައިވާ މޯލްޑިވްސް ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކޭމް) މެދުވެރިކޮށް، ރަޖިސްޓްރީނުކޮށް ހިންގަމުން އައި ދެ ނޫސް ވެބްސައިޓެއް، އެއްވެސް އެންގުމަކާ ނުލައި ބްލޮކްކުރުމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ފައްޔާޒްގެ ޕޯސްޓުގައިވަނީ ކުރީގެ ޕީޕީއެމް ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުން ނެރުމަށް ސިފައިން ފޮނުވައި މެމްބަރުންނަށް އަނިޔާ ކުރެއްވީ ވެސް އާދަމް ޝަރީފްގެ މިނިސްޓަރުކަމުގައި ކަމަށެވެ.
އަދި މިއަދު އަނެއްކާ ވެސް ޚިޔާލު ފާޅުކުރުމަށް ހުރަސް އަޅުއްވަނީ ވެސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކަމަށް ވިދާޅުވިއެވެ.
އެއާއެކު ފުށިދިއްގަރު ފަޅުގައި 'ރަސްމާލެ' ތަރައްގީކުރުމުގެ މަޝްރޫއަކީ ވެސް ލާމަރުކަޒުކުރުމުގެ ސިޔާސަތާ މުޅިން ޚިލާފު މަޝްރޫއެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ.
"ޑިފެންސްގަ ހުއްނެވިއިރު މަޖިލީހުގެ ތާރީހުގައި އަލަށް ސިފައިން ވައްދައި މެމްބަރުންނަށް އަނިޔާކުރެއްވި. މިހާރު ކޭމް މެދުވެރިކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތައިލުމަށް މަސައްކަތް ފެއްޓެވީ. ލާމަރުކަޒީ ނިޒާމު ވެސް ފުށިދިއްގަރަށް. ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ،" ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މި މައްސަލައިގައި ފައްޔާޒްގެ ފަރާތުން އިތުރު ތަފްސީލެއް ލިބޭގޮތް އަދި ނުވެއެވެ.
އެމްޑީޕީގެ މެޖޯރިޓީ މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތްއިރު އިތުރު ބައެއް ވަޒީރުންނަށް ރުހުން ނުދިނުމުގެ މަޝްވަރާތަކެއް ވެސް އެމްޑީޕީގެ ޕީޖީ ތެރޭ ކުރެވެމުން އަންނަކަމަށް މީގެ ކުރިން ވާހަކަދެކެވިފައިވެއެވެ.
މި ވާހަކަތަކުގެ ތެރެއިން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) މިއަދު އެކްސްގައި ވިދާޅުވީ "ރުހުން ދޭނެ ވަޒީރުންނާއި ނުދޭނެ ވަޒީރުން ނިންމާނީ އެމްޑީޕީގެ ޕީޖީ" އިން ކަމަށެވެ.
ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަދިވެސް އޮތީ ނުނިމިއެވެ. އެއީ މަހެއްހައި ދުވަހު އެ މައްސަލަ ކޮމިޓީގައި ދިރާސާކުރުމަށްފަހު ފޮނުވި ރިޕޯޓު ތަޅުމަށް ހުށަހެޅުމުން، އެ ފުރިހަމަނުވާކަމަށް ނިންމައި އަލުން ކޮމިޓީއަށް ފޮނުވަން މިދިޔަ ބުދަ ދުވަހު ނިންމުމުންނެވެ.
އެ ރިޕޯޓު އަލުން ދިރާސާކުރަން މާދަމާ ރެއަށް ކޮމިޓީ ބައްދަލުވުމެއް ވެސް ވަނީ އެޖެންޑާކޮށްފައެވެ.
މި މަސައްކަތް ނުނިމޭތީ މަޖިލީހުގެ މި ހިނގާ ދައުރު ވެސް އޮތީ ތިންވަނަ ފަހަރަށް ދަންމައިލައިފައެވެ.