އެކްސިޑެންޓަކާ އެކު އުދަބާނީގެ ޝޫޓިން މެދުކަނޑާލައިފި

ފިލްމުގެ ޝޫޓިންގެ ތެރެއިން ހިނގައިދިޔަ އެކްސިޑެންޓެއްގައި އަނިޔާވެފައިވަނީ ލީޑު ތަރި އައިމިނަތު ސުހާ --- ފޮޓޯ : ރައީސް އޮފީސް

ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 2009 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "އުދަބާނި"ގެ ދެވަނަ ބައިގެ އިތުރު ޝޫޓިންތަކެއްގެ ތެރެއިން އެކްޓަރަކަށް އަނިޔާވެ ޝޫޓިން މެދު ކަނޑާލައިފިއެވެ.

އުދަބާނި ނަމުގައި ނެރުނު ވާހަކައަކަށް ބިނާކޮށް 2009ގައި ނެރުނު ބިރުވެރި ޑްރާމާ ފިލްމަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމެވެ.

ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އަމްޖޭ މިހާރު ރެޑީ ވަނީ ފިލްމުގެ ދެވަނަ ބައެއް ނެރުމަށެވެ.

ފިލްމުގެ ޝޫޓިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމާލި ނަމަވެސް ބައެއް އިތުރު މަންޒަރުތަކެއް ނަގަން ހުއްޓެވެ. މި މަންޒަރުތަކަކީ ފިލްމުގެ އެކްޓަރު އަލީ އާޒިމް (ދޮން އައްޔަ) ފިލްމުގެ ޝޫޓިންގެ ތެރެއިން އަނިޔާވެ ނުނެގި ހުރި މަންޒަރުތަކެކެވެ. މިދިޔަ މަހުގެ ތެރޭގައި އެ މަންޒަރުތައް ނެގުމަށް ރ. އަތޮޅު މާކުރަތަށް ފިލްމުގެ ޓީމު ވަނީ ގޮސްފައެވެ.

އެއަށްފަހު ޝޫޓިން ކުރިއަށް ދިޔައީ ހަލުވި ސްޕީޑެއްގައެވެ. ނަމަވެސްް އެންމެފަހުން ފިލްމުގެ އިތުރު އެކްޓަރަކަށް ވަނީ ޝޫޓިންގެ ތެރެއިން އަނިޔާ ވެފައެވެ. މިފަހަރު އަނިޔާ ވެފައިވަނީ އިތުރު ލީޑް އެކްޓަރެއް ކަމަށްވާ އައިމިނަތު ސުހާއެވެ.

ސުހާއަށް އަނިޔާވުމާ އެކު ޓީމު ވަނީ އަނބުރާ މާލެ އައިސްފައެވެ. އަދި ސުހާއަށް ލިބުނު އަނިޔާއާ އެކު އޭނާ ބެޑް ރެސްޓުގައި އޮތުމަށް ވަނީ އަންގާފައެވެ.

ފިލްމުގެ ޕްރޮޑަކްޝަނުން މައުލޫމާތު ދޭ ގޮތުގައި ދެން އަލުން އެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. އެގޮތުން އަންނަ މަހުގެ ފަހުކޮޅުގައި އަނެއްކާ ވެސް ޓީމު މާކުރަތަށް ދަތުރު ކުރާނެއެވެ.

ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ކޮލިޓީގެ ގޮތުން ދެވަނަ ފިލްމަކީ ވަރުގަދަ ފިލްމަކަށް ހެދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ފާތިމަތު ޝުހާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ.

ޓީމުން ލަފާ ކުރަމުން އަންނަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު ސިނަމާގައި އެޅުވޭނެ ކަމަށެވެ.

comment ކޮމެންޓް