ޝާހުގެ ސިގްނޭޗަ ޕޯޒް ޑްރޯން ޝޯވްއެއް މެދުވެރިކޮށް އެތައް ސަތޭކަ ބަޔަކަށް ދައްކާލައިފި

ދުބާއީގައި ބޭއްވި ފިލްމު "ޑުންކީ" ޕްރޮމޯޝަންގެ ފޮޓޯއެއް -- ފޮޓޯ/ ދަ އިންޑިއަން އެކްސްޕްރެސް

ބޮލީވުޑްގެ ބާދު ޝާހުގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ފިލްމީ ތަރި ޝާހްރުކް ޚާން މި ފަހަރު ބެލުންތެރިންގެ ސަމާލުކަން ހޯދީ ދުބާއީގައި ކުރިޔަށް ދިޔަ ޑްރޯން ޝޯވްއެއް މެދުވެރިކޮށް އަމިއްލަ ސިގްނޭޗަ ޕޯޒް ބެލުންތެރިންނާ ހިއްސާ ކޮށްގެންނެވެ.

މިއަދު ރިލީޒްކުރާ ޝާހުގެ ފިލްމު "ޑުންކީ"ގެ ޕްރޮމޯޝަނަލް އިވެންޓެއް ދާދިފަހުން ދުބާއީގައި ބޭއްވިއިރު މި އިވެންޓަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ހުނަރުވެރިންތަކެއް ހުށަހަޅައިދިން ޑްރޯން ޝޯވްއަކުންނެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ދުބާއީގެ ބުރްޖް ޚަލީފާގައި ކުރިޔަށް ދިޔަ މި ޑްރޯން ޝޯވްގައި ޝާހުގެ ސިގްނޭޗަ ޕޯސް ދައްކާލުމާ އެކު އެތަނަށް އެއްވެ ތިބި ގިނަ ބަޔަކު ވަނީ މި މަންޒަރު އެ މީހުންގެ ފޯންތަކުގައި ރައްކާކުރުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި ޕްރޮމޯޝަނަލް އިވެންޓުގައި ޝާހުގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އާއި ލިޔުންތެރިޔާ އަބިޖީތު ޖޯޝީ ވެސް ވަނީ ބައިވެރިވެފައެވެ. ޝާހުގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމަށް ފަހު އެކްޓަރު ވަނީ މި ޑްރޯން ޝޯވް މެދުވެރިކޮށް ފިލްމު "ޑުންކީ"ގެ ޓައިޓްލް އާއެކު ފިލްމު ރިލީޒްކުރާ ތާރީޚު ވެސް ފަޒާގެ ތެރޭ ދައްކާލާފައެވެ.

ބޮލީވުޑްގެ ފިލްމުތައް ޕްރޮމޯޓު ކުރުމަށް ފަހަކަށް އައިސް ތަފާތު އެކި އުކުޅުތައް ބޭނުން ކުރާއިރު ބުރްޖް ޚަލީފާގައި ފިލްމުތައް ޕްރޮމޯޓު ކުރުމަކީ އާއްމު ކަމެކެވެ. މި އަހަރު ރިލީޒް ކުރި އާލިއާ ބަޓް އަދި ރަންބީރު ކަޕޫރުގެ ފިލްމު "ބްރައްމަސްތުރާ"އަކީ ވެސް 150 ޑްރޯން ބޭނުންކޮށްގެން ހާއްސަ ޑްރޯން ޝޯވްއަކާ އެކު ޕްރޮމޯޓް ކޮށްފައިވާ ފިލްމެކެވެ.

ފިލްމު "ޑުންކީ"ގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އަދި އެކްޓަރު ޝާހްރުކް ޚާން-- ފޮޓޯ/ ބޮލީވުޑް ހަންގާމާ
ފިލްމު "ޑަންކީ" އަކީ މި އަހަރު ސިނަމާއަށް އަންނާނެ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. މި އަހަރު ރިލީޒް ކުރި ދެ ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ ދެ ފިލްމެވެ.

ޝާހުގެ ފިލްމު "ޑުންކީ" މިއަދު ސިނަމާތަކަށް އަންނައިރު ކާމިޔާބު ފިލްމު "ކޭޖީއެފް"ގެ ސީރީސްތަކުގެ ބާނީ ޕްރަޝާންތު ނީލްގެ "ސަލާރު" މާދަމާ ސިނަމާތަކަށް އަންނާނެއެވެ. މި ދެ ފިލްމުން ބޮކްސް އޮފީހުގައި ކުރި ހޯދާނެ ފިލްމަކާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

comment ކޮމެންޓް