ޕާސްޕޯޓު ބަލާދާއިރު ދެން އައިޑީ ކާޑު ގެންދަން ނުޖެހޭ ގޮތަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު މިއަދު ނިންމަވަފައިއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ އިދާރާއިން އެގޮތަށް ނިންމީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާ ވެސް ލުއިފަސޭހަ ކޮށްދިނުމަށް ޓަކައި ކަމަށެވެ.
އެގޮތުން، އިލެކްޓްރޯނިކް ޕާސްޕޯޓާ ހަވާލުވުމަށް ވެރި ފަރާތުން ހާޒިރުވާއިރު މިހާރު އައިޑީ ކާޑު ގެންދަން ނުޖެހޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި 18 އަހަރުނުވާ ކުދިންގެ ބެލެނިވެރިން، އެ ކުދިންނާއެކު ޕާސްޕޯޓާއި ހަވާލުވުމަށް އަންނައިރު، އެ ކުއްޖެއްގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން އައިޑީ ކާޑު ވެރިފައިކޮށްދޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ނޮން އިލެކްޓްރޯނިކް އަދި އެމަޖެންސީ ޕާސްޕޯޓު ދޫކުރުމުގައި ވެސް ވެރިފަރާތުން ޕާސްޕޯޓާ ހަވާލުވާނަމަ ކޮންމެހެން އައިޑީ ކާޑު ގެނައުން ލާޒިމުނުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މަގުބޫލު އުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާ ހަވާލުވާނަމަ އިގުރާރު ސިޓީގައި އެ ފަރާތެއްގެ އައިޑީ ކާޑުގެ ސިރީއަލް ނަންބަރު ޖަހަންވާނެއެވެ. އެއަށްފަހު ޕާސްޕޯޓާ ހަވާލުވުމަށް އައިސް އެފަރާތެއްގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައިކޮށްދޭނެ،" އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ލުއިގެ އިތުރުން މި މަހުގެ ތިންވަނަ ދުވަހު އިމިގްރޭޝަނުންވަނީ ރީޖަނަލް އޮފީސްތައް ގާއިމުވެފައި ހުރި ސިޓީތަކަށް ޕާސްޕޯޓު ފޮނުވުން ދެގުނައަށް އަވަސްކޮށްފައެވެ.
ޕާސްޕޯޓު ދޫކުރުން އަވަސްވެގެންދާނެ އަތޮޅުތަކުގެ ތެރޭގައި، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ތިނަދޫ ސިޓީ ހިނެމެއެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ޚިދުމަތް ހޯދުމަށް އަންނަ ރައްޔިތުންގެ އަޑު އަހައި އެ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުން ކަމަށެވެ. އަދި އިމިގްރޭޝަންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.