މިހާރު ސިޓީތަކުން ދެގުނަ އަވަސްކޮށް ޕާސްޕޯޓު ލިބޭނެ

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: ހުޅުވާލުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 104 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ ސިޓީތަކަށް ޕާސްޕޯޓު ފޮނުވުން ދެގުނައަށް އަވަސްކުރަން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހިދުމަތް އަވަސް ކުރަން ނިންމީ މިއަދު ކަމަށެވެ. އަދި, އެގޮތަށް އެކަން ނިންމެވީ، ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ބަޔާނުގައި ވެއެވެ.

ޕާސްޕޯޓު ދޫކުރުން އަވަސްވެގެންދާނެ އަތޮޅުތަކުގެ ތެރޭގައި، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ތިނަދޫ ސިޓީ ހިނެމެއެވެ.

އެ އިދާރާއިން ބުނީ، ގެނައި ބަދަލާ އެކު ކޮންމެ ހަފުތާއަކު ހަތަރު ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓު ފޮނުވުމުގެ އިތުރުން ބާކީ ތިން އަތޮޅަށް ވެސް ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓު ފޮނުވޭނެ ކަމަށެވެ. ކުރިން އައްޑުއަށް ޕާސްޕޯޓު ފޮނުވަނީ ހަފުތާއަކު ދެ ދުވަހުއެވެ. އަދި، އެހެން އަތޮޅުތަކަށް ފޮނުވަނީ ހަފުތާއަކު އެއް ދުވަހުއެވެ.

އެހެންކަމުން ގެނެވުނު ބަދަލާ އެކު ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ނަގައި ފަރާތްތަކަށް އަވަސްކަމާ އެކު ޕާސްޕޯޓު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

އެ އިދާރާއިން ބުނި ގޮތުގައި އަމާޒަކީ، ރަައްޔިތުންނަށް ލުއިފަސޭހަކަމާ އެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ފުރުސަތު ތަނަވަސް ކޮށްދީ، އެ ހިދުމަތް ރާއްޖޭގެ އިތުރު އަތޮޅުތަކަށް ވެސް ފުޅާކުރުން ކަމަށެވެ.

comment ކޮމެންޓް