އައްޑޫ މާރާމާރީން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ސަރުކާރުން ދޫކޮށްލި ދެ މީހެއް

އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ/ ފުލުހުން

ދާދި ފަހުން އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދޫކޮށްލި ދެ މީހަކު ހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންގެ އަދަބު ލުއި ކުރުމާއި ޕެރޯލް ހަމަޖެއްސުމާއި ގޭބަންދަށް އެކި ގޮތްގޮތުން ބަދަލުކުރެވޭ ބަދަލުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އިތުރަށް ފުރިހަމަ ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ގެންގުޅޭ ކަމަށެވެ.

އެގޮތަށް ނިންމި ސަބަބު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، މިދިޔަ މަހުގެ 17ގައި މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް ކުރީގެ ސަރުކާރުން މިއަހަރު ތެރޭގައި ޖުމްލަ 434 ގައިދީން މުޖުތަމައަށް ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އެގޮތުން އަޅުގަނޑު ފާހަގަކުރަން ކްރައިމް ސްޓެޓިސްޓިކްސް ބަލާލާއިރުގައި މަންތު އޯވާ މަންތު ބަލައިލާއިރުގައި މި ދޫކުރެވުނު މީހުން ދޫކުރެވިފައި ހުރި ގޮތާ ކޮރިލޭޓް ވާ ގޮތަށް ބައެއް ކަހަލަ ކްރައިމް އެބަހުރި އިންކްރީޒްވެފައި ސޮސައިޓީގައި," އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެ މީހުން ދޫކުރުމުން އިތުރުވި ކުށްތަކުގެ ތެރޭގައި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ މާރާމާރީތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް މިއަހަރު ދޫކުރި ދެ މީހަކު ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިތަދޫގައި މި މަހުގެ އެކަކާއި ތިނެއްގައި ހިންގި މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަމާންކޮށް އޮތުމަށް ފަހު، މި ފަހުން އައްޑޫގެ އިތުރުން މާލޭގައި ވެސް ގޭންގު މާރާމާރީތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންވެ އައްޑުއާއި މާލޭގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޞާލިޙްގެ ސަރުކާރުގައި، ޚާއްޞަކޮށް ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ތަފާތު މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް ލުއި ދެއްވާފައިވާތީ އެ މަނިކުފާނަށް ފާޑުކިޔުން އަމާޒުވިއެވެ.

އޭގެ ތެރޭގައި 2016 ވަނަ އަހަރު އުމުރުން 14 އަހަރުގެ އަޙްމަދު އިރުޝާން ހިލްމީ މަރާލި މައްސަލައިގައި 16 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހަކު ގޭބަންދަށް ބަދަލުކުރުމާއި މުހައްމަދު އަނަސްގެ މަރުގެ ކުށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ކުއްޖާއަށް ވެސް އަދަބު ލުއިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށާއި އަބްދުﷲ ޒިޔަތަށް ވެސް ޞާލިޙް މައާފުދެއްވައިފައިވެއެވެ.

comment ކޮމެންޓް