ބިން ހިއްކަން، ތިންވަނަ ފިޔަވަހީގެ ފަޅުގައި އަޅައިފައިވާ އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލޭ ތިން ވަނަ ފިޔަވަހި -- ފޮޓޯ/ އާބަންކޯ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި އެ ސަރަހައްދުގެ ފަޅު ތެރޭގައި އަޅައިފައިވާ އުޅަންދުތައް ނަގަން އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަނީ އެކި ބައިބަޔަށް ބަހައިލައިގެންނެވެ.

އެގޮތުން އެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން، އާބަންކޯއިން ވަނީ ހުސްކުރަންޖެހޭ ސަރަހައްދުގެ އެކުލަވާލެވިފައިވާ ޗާޓެއް ވެސް އާންމުކޮށްފައެވެ.

އެގޮތުން، އެ ޗާޓުގައިވާ ސްޓޭޖް-2 ނުވަތަ ސައިޓް-ބީ ކަމަށް ފާހަގަކޮށްފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅައިފައިވާ އުޅަދުތައް ނަގަން އާބަންކޯއިން ވަނީ އެދިފައެވެ.

އެ އުޅަނދުތައް މި ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ފަހިކޮށްދީފައެވެ.

މި މަޝްރޫއަކީ ނިމިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތައް ދިނުމަށް އިތުރު ބިން ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ހިއްކަން ނިންމާފައިވާ ސަރަހައްދުގެ 10 ހެކްޓަރު މިހާރު ވަނީ ހިއްކައި ނިމިފައެވެ.

comment ކޮމެންޓް