މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ: އިހުސާން

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން ނިންމާފައި އޮތް ސަރުކާރެއް ކަމަށާއި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެކަން ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އިހުސާން އެހެން ވިދާޅުވީ، ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން އަދި ބަލަން ޖެހޭ ކަންކަން ބަލައިފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އިމުގެ ތެރޭގައި އަޅުގަނޑުމެން އެކަން ކުރާނީ،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު ތަފުސީލެއް އިހުސާން ނުދެއްވައެވެ.

މީގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކޮށްފައި ވީނަމަވެސް ފަހުގެ ތާރީޚެއްގައި މަރުގެ އަދަބު ދީފައިނުވެއެވެ.

މަރުގެ ހުކުމް އިއްވާފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒްކޮށްފައެއް ނުވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގިޞާސް ހިފަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް، މަރުގެ އަދަބު ދީފައެއްނުވެއެވެ.

އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވަނީ، މަރުގެ އަދަބު ދިނުމަކީ އަބަދުވެސް ގަބޫލުކުރައްވާ އަދި ތާއީދުވެސް ކުރައްވަ ކަމެއް ކަމަށާއި ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރުމަށް ދިމާވާ ބައިވަރު ހުރަސްތަކެއް ހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި ތަހުގީގުތައް މިހާރު ކުރެވޭ ގޮތާއި ރާއްޖޭގައި ކުރެވޭ ޖިނާއީ ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އޮތްކަމާމެދު ސުވާލު އުފެދުން ޔާމީން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ޔާމީނަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ މަރުގެ ތަންފީޒު ކުރުމުގެ ވިސްނުމެއް އެ ސަރުކާރުން ނުގެންގުޅޭ ކަމަށް ބުނެފައެވެ.

comment ކޮމެންޓް