ޑިމޮކްރަޓްސްގެ ފުރަތަމަ ތްރީ ލައިން 'ރެޑް' ވިޕް، މުސާރަތައް ބޮޑު ކުރުމާ ދެކޮޅަށް

31 އޮކްޓޯބަރު 2023: މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަލީ އާޒިމް ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރިކުރުމާ ދެކޮޅަށް، ދަ ޑިމޮކްރެޓްސްއިން އެ ޕާޓީގެ ފުރަތަމަ ތްރީލައިން ރެޑް ވިޕް މިއަދު ނެރެފިއެވެ.

މިދިޔަ ޖުލައި މަހު ރަޖިސްޓްރީކުރި ދަ ޑިމޮކްރަޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާކަން މެންބަރުންނަށް އެނގޭ އިރު އަދި މި ކަންކަމަށް ހައްލެއް ލިބިފައިނުވާކަން ސާފުވެފައި ވާއިރު މުސާރަ ބޮޑުކުރަން ނިންމުމަކީ ވަރަށް ލަދުވެތި، އެހާމެ ކަންބޮޮޑުވާކަމެއް ކަމަށެވެ.

މުސާރަތައް ބޮޑުކުރުމަށް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާއިރު، ޑިމޮކްރެޓްސްއިން ގޮވާލީ ކޮމިޓީ ރިޕޯޓު އަނބުރާ ފޮނުވާލުމަށެވެ.

"އަދި ދައުލަތުގެ އޮނިގަނޑުގެ ބިޔަކަމާއި ބުރަކަން ފިލުވާލައި، ރައްޔިތުންގެ މަޖިލިސް ބޮޑުވަމުން ބިޔަވަމުން ދާދިޔުން ކޮންޓްރޯލްކޮށް، މިހާރަށްވުރެ ކުޑަ، އަދި ހުރިހާ ރައްޔިތުންނަށާއި މުޅި ރާއްޖެ ތަމްސީލުވާ މަޖިލީހެއް އުފެއްދުމަކީ މި ޕާޓީގެ އަބަދުގެވެސް ވަކާލާތުކަމުގައި ފާހަގަކުރަމެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.

އެ ޕާޓީން ވަނީ، މަޖިލީހާއި މާލިއްޔަތު ކޮމިޓީގެ ވެސް އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމުންތައް ނިންމާއިރު މިހާރަށްވުރެ ޒިންމާދާރު ވުމަށް ޑިމޮކްރެޓްސްއިން ވަނީ ގޮވާލާފައެވެ.

މަޖިލީހުގައި ޑިމޮކްރެޓްސްގެ 13 މެންބަރުން ތިއްބަވައެވެ. އެ ޕާޓީގެ ދެ މެންބަރުން ކަމަށްވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ތިއްބަވައެވެ.

އެ ކޮމިޓީގައި 16 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން 10 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

މުސާރަތައް ބޮޑުކުރަން މަޖިލިސް ކޮމިޓީން ފާސްކުރުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަމެއް ނޫން ކަމަށާއި މުސާރަ ބޮޑުވެއްޖެ ނަމަ، ބޮޑުވާބައި ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް