އިސްރާއީލުގެ ދިފާއީ ބާރުގައި، ފަލަސްޠީނާ ދެކޮޅަށް ހަނގުރާމަކުރާ ދެކުނު އެފްރިކާގެ ރައްޔިތުންގެ މައްޗަށް ދައުވާކޮށް ރައްޔިތުކަން ބާތިލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ދެއްވައިފިއެވެ.
ރަމަފޯސާ ވަނީ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ގޮވައިލުން ތަކުރާރުކުރައްވާފައެވެ.
"ޣައްޒާ އާއި ޔަހޫދީން ހިފައިފައިވާ ފަލަސްޠީނުގެ އެހެން ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމައިގައި ދެކުނު އެފްރިކާގެ ބައެއް ރައްޔިތުން އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އާއި ގުޅިފައިވާ ނުވަތަ ގުޅެން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނާ ބުނުމަކީ ދެކުނު އެފްރިކާ ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" ދެކުނު އެފްރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
އެ ފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފުވުމާއި އިތުރު ޖަރީމާތައް ހިންގުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށާއި، ކަމާބެހޭ ފަރާތްތަކުން އެފަދަ ރައްޔިތުންނަށް ފާރަލަމުންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ދެކުނު އެފްރިކާގެ ރައްޔިތުއްކަމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން އެފްރިކާގެ ރައްޔިތެއްކަން ހޯދާފައިވާ މީހަކު އެ ގައުމުގެ ތާއީދު ނޯންނަ ހަނގުރާމައެއްގައި އެހެން ގައުމެއްގައި އުޅޭނަމަ ދެކުނު އެފްރިކާގެ ރައްޔިތުންކަން އަތުލެވޭނެއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ އަވަސް ތަހުގީގެއް ހިންގުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް ރަމަފޯސާ ވަނީ ގޮވައިލައްވައިފައެވެ.
ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިސްރާއީލުގެ ހަނގުރާމަވެރި ޖަރީމާތަކާ ގުޅޭ ގޮތުން ދެކުނު އެފްރިކާއިން އައިސީސީއަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ.