މިދިޔަ ސަރުކާރު ނިމެނިކޮށް ފުލުހުންނަށް ދިން ޕްރޮމޯޝަން ހުއްޓުވަން، ވަގުތީ އަމުރެއް ނުދިން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ނިމިދިޔަ ސަރުކާރު ނިމެން ގާތްގަނޑަކަށް ދެ ދުވަހަށްވެފައި އޮއްވައި ފުލުހުންގެ ގިނަ އިސް ބޭފުޅުންތަކަކަށް ދޭން ނިންމި ޕްރޮމޯޝަންތަކުގެ މައްސަލައިގައި، އެ ކަން ހުއްޓުވުމަށްޓަކައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

އެ ޕްރޮމޯޝަންތައް ދޭން ނިންމީ އެއިރު ހިނގަމުން އައީ ވެރިކަން ބަދަލުވުމުގެ މަރުހަލާކަމުން، އެއްވެސް ޕްރޮމޯޝަނެއް ނުދިނުމަށް އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގެންފައިވަނިކޮށެވެ.

އެއާއެކު އެކަން ހުއްޓުވުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނީ، ވަގުތީ އަމުރަށް އެދޭ ފަރާތުން "ކޯޓު އަމުރު އޮންނަން އެދޭގޮތް ބަޔާންކުރާ ލިޔުން" ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި ފުލުހުން އޭސީސީގެ އަމުރަށް އަމަލުނުކުރުމަކީ، އެ ކޮމިޝަނަށް ގާނޫނުން ދީފައިވާ ތަހުގީގު ކުރުމުގެ ބާރަށް ހުރަސް އެޅޭނެ ކަމަކަށް ނުވާތީ އެ ކޮމިޝަނުން ހުށަހެޅި މައްސަލައިގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

އެހެންކަމުން ވަގުތީ އަމުރު ނެރެދިނުމަށް އެދިފައިވާ ގޮތަށް، ވަގުތީ އަމުރެއް އެ މައްސަލާގައި ނެރެދެވެން ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

https://sun.mv/185782

"ސަން"އަށް މީގެކުރިން އެނގިފައިވާ ގޮތުގައި ސަރުކާރު ނިމެން ކުޑަތަންވެފައި އޮއްވައި މުޅިން އަލަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަ ބޭފުޅަކު ޕްރޮމޯޓް ކޮށްދީފައިވެއެވެ. އެހާތަނަށް އެ މަގާމުގައި ފަސް ބޭފުޅުން ތިއްބެވިއެވެ. އަދި ޗީފް ސުޕްރިޑެންޓުންގެ މަގާމަށް އަށް ބޭފުޅަކު ޕްރޮމޯޓް ކޮށްފައިވެއެވެ.

އެ ކަމާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ އެއީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.

އަދި އެ ޕްރޮމޯޝަންތަކަކީ އެ ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޮމޯޝަންތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް