މިދިޔަ އަހަރުގެ ނޮމެންބަރާ އަޅާބަލާއިރު މި އަހަރުގެ ނޮމެންބަރު މަހު ރާއްޖޭގެ އެކްސްޕޯޓާއި އާމްދަނީ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮމެންބަރު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 355 މިލިއަން ރުފިޔާ ކަމަށްވާއިރި މިދިޔަ މަހު 429 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 21 އިންސައްތައިގެ ކުރިއެރުމެކެވެ.
ރޯޔަލްޓީގެ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 11.7 މިލިއަން ރުފިޔާއެވެ.
ރާއްޖޭން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކްސްޕޯޓު ކޮށްފައިވަނީ 165 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ މަހު 216 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. އެއީ 32 އިންސައްތައިގެ ކުރިއެރުމެކެވެ.
އެކްސްޕޯޓުކުރި މުދަލުގެ ބޮޑު ބައެއް ހިއްސާކުރަނީ މަސްދަޅާއި ފިނިކުރި ކަނޑުމަހެވެ. އެގޮތުން 109 މިލިއަން ރުފިޔާގެ ފިނިކުރި ކަނޑުމަސް އެކްސްޕޯޓުކުރިއިރު 39 މިލިއަން ރުފިޔާގެ މަސްދަޅުވަނީ އެކްސްޕޯޓުކޮށްފައެވެ.
އެންމެގިނައިން ރާއްޖެއިން މުދާ ބޭރުކުރި ގައުމުތަކަށް ބަލާއިރު، 56 އިންސައްތަ މުދާ ބޭރުކުރީ ތައިލޭންޑަށެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރި ގައުމު ކަމަށްވާ އިނގިރޭސިވިލާތަށް ބޭރުކުރީ 13 އިންސައްތަ މުދަލެވެ.
ޖަރުމަނާއި ފަރަންސޭސި ވިލާތަށް އެކްސްޕޯޓުކޮށްފައިވަނީ ހަ އިންސައްތަ މުދަލެވެ. އަދި އިންޑިއާއަށް ފޮނުވާފައި ވަނީ ތިން އިންސައްތައިގެ މުދަލެވެ.
މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ މުދަލުގެ އަގަކީ 4.3 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއީ ދެ އިންސައްތަ ދަށްވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އާއި އިންޑިއާއިންނެވެ. އެއީ 15 ޕަސެންޓުގެ މުދަލެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައިވަނީ އޮމާނުންނެވެ. އެއީ 12 ޕަސެންޓް މުދަލެވެ. އަދި 20 ޕަސެންޓް މުދާ އެތެރެކޮށްފައި ވަނީ ސިންގަޕޫރާއި ޗައިނާއިންނެވެ.