ގިނަ އަދަދެއްގެ ފައިސާއާ އެކު، ހަށިވިއްކާ އަންހެނަކު ހައްޔަރުކޮށްފި

03 އޮގަސްޓް 2016: ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނުންތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހަށިވިއްކުމުގެ ތުހުމަތުގައި މާލެއިން ބިދޭސީ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ހަށިވިއްކާކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކޮށްފައިވަނީ ތައިލޭންޑަށް ނިސްބަތްވާ 39 އަހަރުގެ އަންހެނެކެވެ. އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ތިން ދުވަސް ޖަހައިފައެވެ.

ހަށިވިއްކުމުގެ ތުހުމަތުގައި އެ އަންހެން މީހާ ހައްޔަރުކުރިރިއު، އޭނާގެ އަތްދަބަހުން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ.

އެ އަންހެން މީހާ ފައިސާ ހޯދީ ހަށިވިއްކައިގެން ކަމަށް އިއުތިރާފުވެފައިވާ ކަމަށް ބަންދާ މެދު ގޮތެއް ނިންމަމުން ގާޒީ ފާހަގަކުރައްވާފައިވެއެވެ.

ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އަންހެން މީހާއަކީ މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެ އެތެރެވެފައިވާ މީހެކެވެ. އަދި، އެ މީހާގެ އަތުގައި ސައްހަ ވިސާއެއް ވެސް ނެތްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ، އެ އަންހެން މީހާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ގެއްލުމެއް ވެދާނެ ކަމަށް ފެންނާތީ ކްރިމިނަލް ކޯޓުން ވަނީ އެ އަންހެން މީހާގެ ބަންދަށް ތިން ދުވަސް ދީފައެވެ. އެކަމަކު، ބަންދަށް ދިން ތިން ދުވަސް، ބުރާސްފަތި ދުވަހުގެ މެންދުރަށް ހަމަވާނެއެވެ.

މި ފަހުން އަނެއްކާ ވެސް ހަށިވިއްކުން ވަނީ އިތުރުވެފައެވެ. މާލޭގެ ބައެއް ސްޕާތަކާއި ދިވެހި ބޭސް ކްލިނިކްތަކުގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ވެސް މީގެ ކުރިން މީހުން ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް