ރާއްޖޭގައި އުޅެނީ 90،000 ބަންގްލަދޭޝް މީހުން، ގަވައިދުން ފައިސާ ދައްކަނީ 36 ޕަސެންޓް

ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--

ރާއްޖޭގައި މިހާރު ތިބީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށާއި، އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަނީ 36 ޕަސެންޓު މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ބަންގްލަދޭޝް މީހުން ރާއްޖެ އެތެރެކުރުމަށް ސަރުކާރުން އިއްޔެ އަލުން ހުއްދަ ދިނީ ގާނޫނާ ޚިލާފަށްކަމަށް ބުނެ، ބައެއް މީޑިއާތަކާއި މީސްމީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކުރީގެ މިނިސްޓަރަކާއި މިހާރުގެ މަޖިލިސް މެންބަރަކު ހިމެނިވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިޝާރާތްކުރެއްވީ ސަރުކާރާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށްވާ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދެއްކެވި ވާހަކައަށެވެ.

އެ ފަރާތްތަކުން، އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ބިދޭސީ މަސައްކަތްތެރިންގެ ތަފާސްހިސާބުތަކުގެ ރިޕޯޓަށް ހަވާލާދީ ބުނެފައިވަނީ، ރާއްޖޭގައި މިވަގުތު ބަންގްލަދޭޝްގެ 139،000އަށް ވުރެ ގިނަ އެކްޓިވް ވޯކް ޕާމިޓް ހޯލްޑަރުން ތިބިކަން ހާމަވާ ކަމަށެވެ.

އެހެންވެ، އެ ގައުމުން މަސައްކަތްތެރިން ގެންނަން އަލުން ހުއްދަ ދިނުމަކީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވާކަމަށެވެ. އެއީ ރާއްޖެއަށް ވަޒީފާއަށް އެއް ގައުމުން އެންމެ ގިނަވެގެން ގެނެވޭނީ 100,000 މީހުން ކަމަށް އެ ގާނޫނުގައި ބުނެފައިވާތީއެވެ.

އެއާއެކު ރޭ އިހުސާން ވިދާޅުވީ އެ ރިޕޯޓުގައި 139،220 އެކްޓިވް ވޯކް ޕާމިޓް ހޯލްޑަރުން ތިބިކަމަށް ބުނެފައި އޮތްއިރު، އެ ޕާމިޓަކީ މިހާރު މިވަގުތާ ހަމައަށް އެކްޓިވްކޮށް ދޫކޮށްފައި ހުރި ވޯކް ޕާމިޓުތައް ކަމަށެވެ.

އަދި ވަޒީފާ ދޭ ފަރާތުން އެ ހުއްދަ ބާތިލު ނުކުރާހާ ހިނދެއްގައި، ރާއްޖެއިން ބޭރުގައި އެ މީހަކު ހުރި ނަމަވެސް ވޯކް ޕާމިޓު އެކްޓިވްކަމަށް ދައްކައިފާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ތިބޭ ބޭރު މީހުންގެ އަދަދު އިމިގްރޭޝަން ޑިޕާޓްމެންޓްގެ ޑޭޓާބޭސްއިން ރާއްޖޭގައި ތިބި ބަންގްލަދޭޝް މުވައްޒަފުންގެ އަދަދު ވަރަށް ސާފުކޮށް އެނގިލައްވާ ކަމަށެވެ.

"އެ އަދަދަކީ 90،624 މީހުން. އެއީ ހަމަ ޔަގީނުން ވެސް އެއް ލައްކައަށް ވުރެ މަދު އަދަދެއް. އެހެންވީމަ އަޅުގަނޑުމެން ބަންގްލަދޭޝްގެ ރައްޔިތުންނަަށް އަންސްކްލިޑް ލޭބަރުންގެ ގޮތުގައި ރާއްޖެއަށް އަންނަން ހުއްދަދޭ ދިނުމަކީ މިބީދައިން ބަލާއިރުގައި އެ ގާނޫނާ އެއްވެސް ވަރަކަށް ފުށޫ އަރާ އަދި ޚިލާފުވާ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ބަނގްލަދޭޝްއިން އަންސްކިލްޑް ވޯކަސް ނުގެނެވޭ ގޮތަށް 2019ގައި ނިންމުމުން ވިޔަފާރިކުރާ ފަރާތްތަކުގެ ކަންބޮޑުވުމަކަށް އެކަން ވެފައި އޮތް ކަމަށެވެ. އެހެންވެ، އެ ގަވާއިދު ބަދަލު ކުރަން ނިންމީ ވެސް ވޯކް ޕާމިޓުގެ އަދަދަށް ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހުއްދަ ދެވެން އޮތް ނަމަ އެހެން ގައުމުތަކުން ވެސް އަންސްކިލްޑް ލޭބަރާއިން ގެންނަން ހުއްދަ ދޭނެ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގައި މިވަގުތު ގާނޫނަށް ފެތޭގޮތަށް މަސައްކަތް ކުރަނީ ކިހައި މުވައްޒަފުން ކަމެއް އަދި ގާނޫނާ ޚިލާފަށް މަސައްކަތް ކުރަމުންދަނީ ކިތަށް މުވައްޒަފުންކަމެއް ސީދާ އެނގެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ އަދަދުތައް ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ވަރަށް އަވަހަށް ފަށާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، މިއީ ގައުމީ ސަލާމަތަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ.

"ފަސް އަހަރު ހުއްޓުވައިފައި އޮވެފައި އަލުން ގާނޫނާ ޚިލާފަށް މި ކަން ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގްތިޞާދާއި އިޖްތިމާއީ ފޭރާމަށް ހުރި ނުރައްކަލެއް،" އޭނަ ކުރެއްވި ޕޯސްޓެއްގައި ވެއެވެ.

މީގެ އިތުރުން، ހިސާން މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި އޭނާ ވިދާޅުވެފައި ވަނީ، ގަނޫނުގެ ދަށުން ވަޒީފާއާ ބެހޭ ކަން ކަން ދެ މިނިސްޓްރީއަކަށް ބަހައިލައިގެން ނުކުރެވޭނެ ކަން ހާމަކޮށްފައެވެ.

އަދި، ބަންގްލަދޭޝް ފިޔަވާ އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން ގެނައުން މި ސަރުކާރުން މަޑުޖައްސާފައިވަނީ އެއްވެސް ދިރާސާއެއް ކުރުމަކާ ނުލާކަމަށް ވެސް ހިސާން ތުހުމަތުކުރެއްވިއެވެ.

އަދި މީގެ އިތުރުން އޭނާ ވަނީ ފޮރިން ލޭބާ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓު އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން ވެބްސައިޓުންނާއި، ޓްވިޓާއިން ވެސް ފޮހެލާފައިކަން ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ މަސްއޫލިއްޔަތު މިހާރު އޮތީ އިކޮނޮމިކް މިނިސްޓްރީން ހޯމް މިނިސްޓްރީއަށް ބަދަލުވެފައި ކަމަށެވެ.

އަދި ހޯމް މިނިސްތްރީގެ ފަރާތުން މިހާރު އެކަން ކަމަށް ޖަވާބުދާރީވާން ޖެހޭނެތީ އެ ރިޕޯޓު ހޯމް މިނިސްޓްރީގެ ވެބްސައިޓުން އެ އިންގޮތަށް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް