ސްކޫލުތަކުގައި ބުރުގާ އެޅުން މަޖުބޫރު ކުރަން އުޅޭ ކަމަށް ބުނާ ވާހަކައަކީ ދޮގެއް: އެޑިއުކޭޝަން މިނސިްޓްރީ

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު އިމާދުއްދީން ކުދިން ސްކޫލަށް ވަންނަނީ-- ސަން ފޮޓޯ: މާހިލް އާތިފް

ރާއްޖޭގެ ސްކޫލުތަކުގައި ބުރުގާ އެޅުން މަޖުބޫރުކުރަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކެއްގައިވާ ގޮތުން، އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އަންނަ މާޗު މަހުގެ އެކަކުން ފެށިގެން ސްކޫލުތަކުގައި ބުރުގާ އެޅުން މަޖޫބުރު ކުރަން އަންގާ ކަރުދާހެއް ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުކުރަމުންނެވެ. އެގޮތުން އެކަމާ ގުޅުން ހުރި މަޝްވަރާތައްކޮށް، އެ ސިޔާސަތު ތަންފީޒު ކުރާނެ ގޮތުގެ ޓައިމްލައިނެއް އެކުލަވާލާފައިވާ ކަމަށް އެ ޕޯސްޓުތަކުގައިވެއެވެ.

އެ ޕޯސްޓާއެކު ވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ކަރުދާހެއް ކަމަށް ބުނާ ލިޔުމެއް ވެސް ހިއްސާކޮށްފައެވެ. އެ ކަރުދާހުގައި ވަނީ، އާންމު އިޖުތިމާއީ މިންގަނަޑާ ޚިލާފަށް ހެދުން އަޅައިގެން މުޖުތަމައު ތެރޭގައި އުޅުން މަނާކޮށްފައި އޮންނަ އޮތުން ސަރުކާރުން ރަސްމީކޮށް ތަންފީޒުކުރަން ފަށާއިރު އެއާއެއްކޮށް ސްކޫލުތަކުގައި ބުރުގާ އެޅުން ސިޔާސަތެއް ގޮތަށް ތަންފީޒު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ސްކޫލުތަކުގައި ބުރުގާ އެޅުން ތަންފީޒު ކުރުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ދޮގު ޚަބަރެެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ އެޖެންޑާ ތެރެއިން، ފުރަތަމަ ހަތަރު ހަފުތާ ތެރޭގައި ކާމިޔާބު ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އެޅުން އަންނަ މާޗު މަހުން ފެށިގެން މަނާކޮށްފައިވާ ކަމަށް ބުނާ ޕޯސްޓެއް ވެސް ވަނީ ދައުރުވަމުންނެވެ.

އެކްސްގައި އެ ޕޯސްޓު ހިއްސާކުރައްވައި، ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވަނީ އެއީ ސައްހަ ނޫން ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް