ދޮންބަންޑާރައިންގެ ހަނދާނީ މަރުކަޒު މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

ހުރަވީ ދުވަހާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު 'ދޮންބަންޑާރައިންގެ ހަނދާނީ މަރުކަޒު' ބައްލަވާ ލައްވަނީ---- ފޮޓޯ:ރައީސް އޮފީސް

ހުރަވީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން 'ދޮންބަންޑާރައިންގެ ހަނދާނީ މަރުކަޒު' ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި މައުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީއާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ކުރިއަށްގެންދާ ޚާއްސަ މައުރަޒެކެވެ.

ދޮންބަންޑާރައިން ހަނދާނީ މަރުކަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދާރުލްއާސާރުގައެވެ.

މި މައުރަޒުގައި ދޮންބަންޑާރައިންނަށް ނިސްބަތްވާ ހާއްސަ އާސާރުތަކާއި އިހު ޒަމާނުގައި ބޭނުންކޮށްފައި ހުރި ބައެއް ހަތިޔާރު ދައްކައިލަންވަނީ ބަހައްޓައިފައެވެ.

އޭގެ ތެރޭގައި ދޮންބަންޑާރައިން ތުރުކުރެއްވި ފަގުޑިކޮޅާއި ދޮންބަންޑާރައިންގެ ރަސްކަމުގައި ޖެއްސެވި ފައިސާފޮތިކޮޅުތައް ހިމެނެއެވެ.

މީގެ އިތުރުން މަލާބަރީން މާލެ އަރައި ހިންގި ކަންކަމާ ބެހޭ ޚުލާސާ މައުލޫމާތުތައް ހިމެނޭ ލޯ ފަތްކޮޅަކާއި ބޭނުންކުރެއްވި ލޮންސިކޮޅެއް ވެސް އެ މައުރަޒުގައި ދައްކަން ބަހައްޓައިލައިފައި ހުއްޓެވެ.

ހުރަވީ ދުވަހާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު 'ދޮންބަންޑާރައިންގެ ހަނދާނީ މަރުކަޒު' ބައްލަވާ ލައްވަނީ---- ފޮޓޯ:ރައީސް އޮފީސް

މައުރަޒު ހުޅުވައިދެއްވުމަށްފަހު އެ ކަމަނާ ވަނީ މައުރަޒު ބައްލަވައިލައްވައި މައުރަޒުގައި ބަހައްޓައިފައިވާ އާސާރުތަކާ ބެހޭ މައުލޫމާތުތައް އޮޅުން ފިލުއްވައިފައެވެ.

ހުރަވީ ދުވަހާ ގުޅިގެން ސަރުކާރާއި ހެރިޓޭޖް މިނިސްޓްރީ ގުޅިގެން އަންނަނީ އެކި ޕްރޮގްރާމްތައް ބާއްވަމުންނެވެ. އެގޮތުން މިއަދު ބޭއްވި މި މައުރަޒުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން މިދިޔަ ހުކުރު ދުވަހު ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފައެވެ.

comment ކޮމެންޓް