ސަބްމެރިން ކޭބަލަށް ގެއްލުންވެ، އާރްއޯއެލް އިންޓަނެޓު ޚިދުމަތަށް ދިމާވި މައްސަލަ ހައްލުކުރަނީ

އާރްއޯއެލް-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އޮންލައިން (އާރްއޯއެލް)ގެ އިންޓަނެޓްގެ ޚިދުމަތަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް އާރްއޯއެލުން ބުނެފިއެވެ.

އާރްއޯއެލުން ބުނީ އިންޓަނެޓްގެ ޚިދުމަތަށް ކުއްލި ގޮތަކަށް މައްސަލައެއް ދީމާވީ އެ ކަމަށް ބޭނުންކުރާ ސަބްމެރިން ކޭބަލަށް މައްސަލައެއް ދިމާވުމުންކަމަށެވެ. އިންޓަނެޓްގެ ޚިދުމަތަށް ދިމާވި މައްސަލައިގެ އަސްލު ސަބަބު ހޯދުމުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރަމުން އަންނަކަމަށް ވެސް އާރްއޯއެލުން ބުންޏެވެ.

އެގޮތުން މިހާތަނަށް އެނގުނު ގޮތުގައި އެއީ ސްރީ ލަންކާގެ ސަބްމެރިން ކޭބަލަކަށް ގެއްލުންވުމުން މެދުވެރިކަމެއްކަން ހާމަވެފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކަމާ ގުޅިގެން އާރްއޯއެލްގެ ކަސްޓަމާ ސާވިސްގެ ހެޑް އާމިނަތު ސަނީތާ ވިދާޅުވީ، އިންޓަނެޓްގެ ޚިދުމަތްތައް އެންމެ ފުރިހަމަކަމާއެކު އަލުން ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 48ގަޑިއިރުގެ ތެރޭ ކަސްޓަމަރުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަބްމެރިން ކޭބަލް ފޯލްޓު ހައްލުކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގާއި އުރީދޫގެ އިތުރުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަނީ ރާއްޖެ އޮންލައިން (އާރުއޯއެލް) އިންނެވެ.

comment ކޮމެންޓް