ސެވިއްޔާގެ ކޯޗުކަމުން ޑިއޭގޯ އަލޮންސޯ ވަކިކޮށްފި

ސެވިއްޔާގެ ކޯޗުކަމުގެ މަގާމުން ވަކިކުރި ޑިއޭގޯ އަލޮންސޯ -- ފޮޓޯ/ ގެޓީ

މަގާމާ ހަވާލުވިތާ 67 ދުވަހުގެ ތެރޭގައި ސެވިއްޔާގެ ކޯޗުކަމުގެ މަގާމުން ޑިއޭގޯ އަލޮންސޯ ވަކިކޮށްފިއެވެ.

މިސީޒަނުގައި ސެވިއްޔާގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އަލޮންސޯގެ އިރުޝާދުގެ ދަށުން ސެވިއްޔާ އިން އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ސެވިއްޔާގެ ކޯޗުކަމުގެ މަގާމުން އަލޮންސޯ ވަކިކޮށްފައިވަނީ ސްޕެނިޝް ލަލީގާގައި ރޭ ގެޓާފޭ އަތުން 3-0ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުއެވެ.

"މި ކްލަބުގެ ކޯޗުކަމުގެ މަގާމުން ޑިއޭގޯ އަލޮންސޯ ވަކިކޮށްފައިވާކަން އިއުލާންކުރަން. އޭނާގެ މަސައްކަތަށް ޝުކުރު އަދާކުރަން. އަދި ކްލަބުން އޭނާއަށް އެދެނީ ކާމިޔާބު ކުރިމަގަކަށް،" ސެވިއްޔާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސެވިއްޔާގެ ކޯޗުކަމުގެ މަގާމާ އަލޮންސޯ ހާވަލުވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސެވިއްޔާ އިން ލަލީގާގެ އެންމެ ދެ މެޗުން މޮޅުވެފައިވުމުން، އެޓީމު މިވަގުތު އޮތީ ރެލިގޭޝަން ޒޯންގައެވެ. އަދި މިސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ މޮޅެއް ވެސް ހޯދިފައި ނުވާ އިރު، ސެވިއްޔާ ނިންމާލަން ޖެހޭނީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

އަލޮންސޯގެ ބަދަލުގައި ސެވިއްޔާއާ ހަވާލުވާނެ ކޯޗެއް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް އެ ކްލަބުން ވަނީ އިއުލާންކޮށްފައެވެ. ލަލީގާގައި އަންނަ އަންގާރަ ދުވަހު ސެވިއްޔާ އިން ނުކުންނަން ޖެހޭނީ ގްރަނޭޑާއާ ދެކޮޅަށެވެ.

comment ކޮމެންޓް