ޔަހޫދީ އިސްރާއީލުގެ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދަ ރަޙުމުކުޑަ ލާއިންސާނީ ޙަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްޠީނުގެ މީހުންގެ އަދަދު 19،000 އާ ގާތްކޮށްފިއެވެ.
ފަލަސްޠީނުގެ ސިއްޙީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް ވަނީ 18،897 ފަލަސްޠީނު މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުންދިންނާ އަންހެނުންނެވެ.
ޙަމަލާތަކުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 6،200 އަށް ވުރެ ގިނަ އަންހެނުން ޝަހީދުކޮށްލައިފައިވެއެވެ. ޙަމަލާތަކުގައި ޒަޙަމްވެފައިވާ މީހުންގެ ޢަދަދު ވަނީ 50،500 އަށް ވުރެ އިތުރުވެފައެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ޙަމަލާތައް ދޭތާ 70 ދުވަސްވެފައިވާއިރު، ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުވެފައެވެ. ޙަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އެތައް ބަޔަކު މިހާރު ދިރިއުޅެނީ ވަގުތީ ހިޔާތަކުގައެވެ.
ޣައްޒާގެ ވެރިކަންކުރާ ޙަމާސް ނައްތާލުމަށް ޢިސްރާއީލުން ހަނގުރާމަ އިޢުލާނުކުރީ އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު ޔަހޫދީންނަށް އަމާޒުކޮށް ޙަމާސުން ދިން ޙަމަލާއަކާ ގުޅިގެންނެވެ. ނަމަވެސް އެ ޙަމަލާގެ ރައްދުގައި ކަމަށް ބުނެ ޢިސްރާއީލުން ޙަމަލާތައް ދެމުން އަންނަނީ ޣައްޒާގެ ޢާންމުންނަށް އަމާޒުކޮށެވެ.
ޙަމާސްއިން ޢިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޢިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.