މާލެ ސިޓީ ކައުންސިލް, ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ތަރުތީބުކޮށްފިއެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރީ، އެކަން ކުރުމަށް ދަރުބާރު ގޭގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ގުރުއަތު ލައިގެންނެވެ.
ކެންޑިޑޭޓުންގެ ތަރުތީބަކީ:
- ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ - އަމިއްލަ ގޮތުން
- ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު - އަމިއްލަ ގޮތުން
- ކެންޑިޑޭޓް ނަންބަރު 3: އާއިޝަތު އާޒިމާ ޝަކޫރު - ޕީއެންސީ
- ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް - އެމްޑީޕީ
- ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު - ދަ ޑިމޮކްރެޓްސް
މާލެ ސިޓީ މޭޔަރު ކަމަށާއި އަދި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ކައުންސިލަރުންގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި ދިޔަ މަހު 28 ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
މާލޭ ސިޓީ މޭޔަރު ކަމުގެ އިތުރުން ކައުންސިލުން ތިން ގޮނޑި ހުސްވީ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް ބޭބޭފުޅުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ.
މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން އީސީއިން ވަނީ ނިންމައިފައެވެ.