މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އިއްޔެ އާއްމު ކުރި ތަފާސް ހިސާބުގައި ވާގޮތުން، މި ދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,757,937 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައިވަނީ، 1،561،025 ފަތުރުވެރިންނެވެ. އެހެންކަމުން، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް މި ވަނީ 12.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.
މި އަހަރު ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެވްރެޖް އަދަދަކީ 5،263 ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ ތަފާސް ހިސާބުތަށް ދައްކާގޮތުން މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ރަޝިއާއިންނެވެ. އެއީ، 197،824 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމަކީ އަވަށްޓެރި އިންޑިޔާއެވެ. އެއީ، 194،630 ފަތުރުވެރިންނެވެ.
ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކަށް ބަލާއިރު:
- ޗައިނާ: 181,003 ފަތުރުވެރިން
- ޔުނައިޓެޑް ކިންގްޑަމް: 144,415 ފަތުރުވެރިން
- ޖަރުމަނު: 127,896 ފަތުރުވެރިން
- އިޓަލީ: 104,411 ފަތުރުވެރިން
- އިނގިރޭސިވިލާތް: 69,426 ފަތުރުވެރިން
- ފްރާންސް: 45,849 ފަތުރުވެރިން
- ސްޕެއިން: 38,645 ފަތުރުވެރިން
- ސްވިޒަލެންޑް: 34,890 ފަތުރުވެރިން
މިދިޔަ އަހަރަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައީ އިންޑިޔާއިންނެވެ. އެއީ، 241،369 ފަތުރުވެރިންނެވެ. ލިސްޓްގެ ދެވަނާގައި އޮތް ގައުމަކީ މި އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާތްކުރި ގައުމު ކަމަށްވާ ރަޝިއާއެވެ. އެއީ، 201,957 ފަތުރުވެރިންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ފުރަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ އަދަދު 1.9 މިލިއަނަށް މަތިކުރައްވާފައެވެ.