ތިންވަނަ ކުއާޓަރުގައި ފުލުހަށް 3،000އަށްވުރެ ގިނަ މައްސަލަ، އެންމެ ގިނައީ ވައްކަމާއި ފޭރުން

ޖެނުއަރީ 27، 2020: ހުޅުމާލެ، ސިފައިންގެ ފްލެޓްތައް ކައިރިން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވާ ގިނަ އަދަދެއްގެ ރާ ފުޅިތަކެއް އަތުލައިގަތުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ 3،000އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކުއާޓަރުގައި ޖުމްލަ 3،857 މައްސަލަ ފުލުހުންނަށް ހުށަހަޅައިވަނީ ތަހުގީގުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅައިފައިވަނީ ސިޓީތަކުގައެވެ. އެންމެ ގިނައިން ކުށުގެ މައްސަލަތައް ހުށަހެޅީ މާލޭ ސިޓީގައެވެ. އެގޮތުން މާލެއިން އެކަނި ވެސް 2،854 މައްސަލަ ހުށަހަޅައިފައި އޮތްއިރު، ދެވަަނައަށް އައްޑޫ ސިޓީއިން 154 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. ފުވައްމުލައް ސިޓީއިން 78 މައްސަލަ ހުށަހަޅައިފައި އޮތްއިރު ކުޅުދުއްފުށި ސިޓީއިން 56 މައްސަލަވަނީ ހުށަހަޅައިފައެވެ. އެހެން ރަށްރަށުން އެއްކޮށްލުމުން ޖުމްލަ 715 މައްސަލަ ހުށަހަޅައިފައިވެއެވެ.

ތިންވަނަ ކުއާޓަރުގައި އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.

އެގޮތުން ވައްކަމާއި ފޭރުމުގެ 2441 މައްސަލަ ރިޕޯޓުކުރިއިރު، 1121 މައްސަލައެއް ލޮޖުކޮށް ތަހުގީގުކޮށްފައިވެއެވެ. އޭގެ ތެރެއިން 760 މައްސަލަ ބަލައި ނިންމައި ފައިލްކޮށްފައިވާއިރު ދައުވާކުރަން ފޮނުވައިފައިވަނީ އެންމެ 26 މައްސަލައެވެ. ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖުމްލަ 276 މީހަކު ބަންދުކޮށްފައިވެއެވެ.

އެއަށްފަހު ދެން އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތިންވަނަ ކުއާޓަރުގައި އެކަނި ވެސް 1116 މައްސަލަ ރިޕޯޓުކުރިއިރު އޭގެ ތެރެއިން 606 އެކްސިޑެންޓެއްގެ މައްސަލަ ލޮޖުކޮށް ބަލައިފައިވެއެވެ. އޭގެ ތެރެއިން 549 މައްސަލަ ބަލައި ނިންމިއިރު ދައުވާކުރަން ފޮނުވީ އެންމެ މައްސަލައެއްގައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަަށް ބަލާއިރު ފުލުހުންނަށް 134 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 46 މައްސަލަ ލޮޖުކޮށްފައިވާއިރު ބަލައި ނިމިފައިވަނީ 35 މައްސަލައެެވެ. ދައުވާކުރަން ފޮނުވިފައިވަނީ އެއް މައްސަލައެވެ.

ޖިންސީ ކުށްތަކަށްބަލާއިރު 145 މައްސަލައެއް ރިޕޯޓުކުރެވުނުއިރު އޭގެ ތެރެއިން 80 މައްސަލަ ލޮޖުކޮށް ތަހުގީގުކުރެވިފައިވެއެވެ. އޭގެ ތެރެއިން 38 މައްސަލަަ ބަލައި ނިމި ދައުވާކުރަން ދެ މައްސަލަ ފޮނުވައިފައިވެއެވެ. ޖިންސީ ކުށްތަށް ކޮށްގެން 31 މީހަކު މި ވަގުތު ވެސް ބަންދުގައި އެބަތިއްބެވެ.

ޖިންސީ ކުށްތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅައިފައިވަނީ ކުޑަކުދިންނާ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 38 މައްސަލަ ހުށަހަޅައިފައިވެއެވެ. ދެވަނައަށް ޖިންސީ ފުރައްސާރައިގެ ހަތް މައްސަލަ ހިމެނޭއިރު ހަށިވިއްކުމުގެ ތިން މައްސަލައާއި ރޭޕުގެ ތިން މައްސަލައެއް ވެސް ހިމެނެއެވެ. އަދި އެހެނިހެން ކުށުގެ 29 މައްސަލަ ވެސް ހިމެނެއެވެ.

ޑްރަގްގެ 1056 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 412 މައްސަލަ ލޮޖުކޮށްފައިވާއިރު ބަލައި ނިމުނީ 373 މައްސަލައެވެ. ދައުވާކުރަން 146 މައްސަލަ ފޮނުވައިފައިވާއިރު 340 މީހުން މިފަދަ މައްސަލަތަކުގައި ބަންދުގައި އެބަތިއްބެވެ.

ސައިބާ ކްރައިމަށް ބަލާއިރު, ސައިބާކްރައިމްގެ 51 މައްސަލަ ހުށަހަޅައިފައިވެއެވެ. ފޯޖަރީގެ 32 މައްސަލަ ހުށަހެޅިއިރު އެހެން މީހެއްގެ މުދާ ނުވަތަ ފައިސާއަށް ޚިޔާނަތްތެރިވުމުގެ 244 މައްސަލަވަނީ ރިޕޯޓުކޮށްފައެވެ. އަދި ބްލެކްމެއިލްގެ 24 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް