ޔޫރޮޕާ ލީގު ގްރޫޕު ޖީގައި އޭއެސް ރޯމާއިން ޝެރިފް ޓިރަސްޕޯލްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ރޯމާގެ ދަނނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ރޯމާއިން ކާމިޔާބުކޮށް ލީޑު ނަގައިފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ އޭނާ ޔޫރޮޕާ ލީގުގައި މިހާތަަނަށް ކުޅުނު 17 މެޗުގައި ކާމިޔާބުކުރި 20 ވަަނަ ލަނޑެވެ.
ރޯމާގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިއާ ބެލޮއްޓީއެެވެ. އަދި، ފަހު ލަނޑު މެޗުގެ މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ނިކޮލޯ ޕިސިލީއެވެ.
މި ނަތީޖާއާ އެކު ރޯމާއިން މި ފަހަރުގެ ޔޫރޮޕާ ލީގުގެ ގްރޫޕު މަރުހަލާ ނިންމާލާފައިވަނީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާ އެކު ގްރޫޕުގެ ދެވަނައިގައި އޮވެގެންނެވެ. އެހެންވެ، ރޯމާއަށް ޖެހިފައިވަނީ މި މުބާރާތުގެ ދެވަނަ ބުރުގެ ޕްލޭ އޮފް ބުރުގައި ޗެމްޕިއަންސް ލީގުން ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ޓީމަކާ ވާދަ ކުރާށެވެ.
ޕްލޭ އޮފް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 15 އަދި ދެވަަނަ ލެގް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ސްލާވިއާ ޕްރާގެވެ. ސްލާވިއާވަނީ އެންމެ ފަހު މެޗުގައި ސާވެޓާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 4-0 އިން ކާމިޔާބުކޮށްފައެވެ. މެޗުގައި ސްލާވިއާއިން ކާމިޔާބު ކުރި ހަތަރު ލަނޑު ވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.