ޑަބްލިއުއެޗްއޯގެ ތައުރީފް: ބޭހުގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފުރަތަމަ ހޯދީ ރާއްޖެއިން

މެޑިކަލް ލެބޯޓްރީއެއް --

ނުރައްކާތެރި ކެމިކަލްގެ ދެ ބާވަތެއްކަމަށްވާ ޑައިއިތަލީން ގްލައިކޯލައި އިތައިލީން ގްލައިކޯލް ބޭހުގައި ހުރިކަން އެންމެ ފުރަތަމަ ހޯދީ ރާއްޖެއިން ކަން ފާހަގަކޮށް، އާންމު ސިއްހަތާ ގުޅުންހުރި އެ ފަދަ ބޮޑު ކަމެއްގައި ރާއްޖެއިން ކުރީ ފާހަގަކުރެވޭ މުހިންމު މަސައްކަތެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ނުރައްކާތެރި އެ ދެ ކެމިކަލް ބޭހުގައި ހުރެގެން އެ ބޭސްތައް ރާއްޖޭގައި މަނާކުރީ މިދިޔަ މަހު 30ގައެވެ.

https://sun.mv/185477T

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ބޭހުގައި ހުރި ނުރައްކާތެރި ކެމިކަލް ދެނެގަތުމުގައި އެމްއެފްޑީއޭއާއި އެ ޖަމިއްޔާ ގުޅިގެން ކުރި މަސައްކަތަކީ ފާހަގަކޮށްލެވޭ، މުހިންމު މަސައްކަތެއްކަމަށެވެ. އެއީ ބައިނަލްއަގްވާމީ ގޮތުން ސިއްހީ ނުރައްކަލެއް ފެތުރުން ހުއްޓުވުނު ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރި ފާހަގަކޮށްލެވޭ މި މަސައްކަތަކީ ބައިނަލްއަގްވާމީ ފެންވަރުގައި ހުރި ސިއްހީ އެކި މައްސަލަތަކަށް ހައްލު ހޯދުމުގައާއި، އާބާދީތައް ގަޑުބަޑުވެފައިވާ ނުރައްކާތެރި ބޭސް ބޭނުންކުރުމުން ލިބޭނެ ގެއްލުމުން ސަލާމަތްކޮށް އަވަސް ފިޔަވަޅު ކާމިޔާބުކަމާއެކު އެޅޭނެކަން ހާމަވީ މިސާލެއް،" ބަޔާނުގައިވެއެވެ.

މި ބޭހުގައި ކެމިކަލްތަކެއް ހުރިކަން އެންމެ ފުރަތަމަ ދެނެގަތް ގައުމަކީ ރާއްޖެއެވެ. މި ކެމިކަލް ހުރިތޯ ބަލަން އެމްއެފްޑީއޭއިން ޓެސްޓުކުރީ ރާއްޖޭގައި ހެދެންހުރި، ޑަބްލިއުއެޗްއޯގެ ހުއްދަ އޮތް މެތަޑެއްކަމަށްވާ 'ތިން ލޭޔާ ކްރޮމެޓޯގްރަފީ' ޓެސްޓު މެދުވެރިކޮށެވެ.

އެއާއެކު ނުރައްކާތެރި ގިނަ ކެމިކަލްތަކެއް ހުރިކަން އެނގުމާއެކު އެ މައުލޫމާތު ޑަބްލިއުއެޗްއޯ އަށާއި އެހެން ގައުމުތަކަށް ހިއްސާކޮށް، އިތުރަށް ބެލުމުގެ މަސައްކަތް ފެށުނުކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"މިއީ ހަމައެކަނި ރާއްޖެއަށް އޮތް ކަންބޮޑުވުމެއް ނޫން. ހަމަ މި ޕްރޮޑަކްޓުވަނީ އިތުރު ހަތަރު ގައުމަކަށް މާކެޓުކޮށްފައި. މި ހޯދުންތަކުގެ ސަބަބުން ބައިނަލްއަގްވާމީ ފެންވަރުގައި ސިއްހަތު ސަލާމަތްކުރުމުގެ ފިޔަވަޅެއް އެޅިގެން ދިޔައީ،" ބަޔާނުގައިވެއެވެ.

ބޭސް ގިނަ ދުވަހު ދަމަހައްޓައި އަގުހެޔޮކުރުމަށް މި ކެމިކަލް އަޅައިގެން ބޭސް އުފެއްދީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީޒް ޕްރައިވެޓް ލިމިޓެޑުންނެވެ.

ރާއްޖެއިން ދިން އެލާޓާއެކު ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއިންވަނީ އެ ކުންފުނިން އުފައްދާ ހުރިހާ ދިޔާ ބޭސްތަކެއް އުފެއްދުން މަޑުޖައްސައިލުމަށް އަންގައިފައެވެ.

ޑަބްލިއުއެޗްއޯއިންވަނީ މިއީ އެކި ގައުމުތަކުގެ ސިއްހީ އިދާރާތައް ގުޅިގެން އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރުމުން ނަތީޖާ ފެންނަކަން ހާމަވި ކަމެއްކަމަށް ވެސް ފާހަގަކޮށްފައެވެ.

comment ކޮމެންޓް