ފުވައްމުލަކު ސިޓީ، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގައި އެ މައްސަލައިގައި ހިމެނޭ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފިއެވެ.
ޝިއާއު މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހުގެ ރެއެވެ. އެ މައްސަލައާ ގުޅިގެން ޝާހިލް ހައްޔަރު ކޮށްފައިވަނީ ވެސް ކުށުގެ ވެށިންނެވެ. އޭނާގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އުފުލައިފައެވެ. އަދި، އިތުރު ދެ ދައުވާ އުފުލާފައިވާއިރު އެއީ ކޮން ދެ ދައުވާއެއް ކަމެއް ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ކޯޓުން މިއަދު ބުނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ޝާހިލް ވާހަކަދައްކާފައިނުވާ ކަމަށެވެ. އެކަމަކު، އޭނާގެ ކިބައިގައި ޖަވާބުދާރީ ނުވެވޭފަދަ ނުކުޅެދުންތެރިކަމެއް ހުރި ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ވަނީ ހެކިރައްކާތެރިކުރުމުގެ އަމުރެއް ނެރެފައެވެ.
އެ އަމުރުގެ ދަށުން މި މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ޝާހިލަށް ބެލޭނީ ކޯޓުގައި އެކަންޏެވެ. މައްސަލައިގައި ދެން އޮންނާނީ ލިޔުންތައް ދިރާސާކުރުމަށް ފަހު، ޝާހިލްގެ ފަރާތުން ދައުވާތަކަށް ޖަވާބުދާރީވުމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބަންޑާރަނައިބުގެ އޮފީހުން ވަނީ ޝާހިލަށް ގާނޫނީ ވަކީލުން ހަމަޖައްސައިދީފައެވެ. އެކަމަކު، ވަކީލުންނަށް އެއްބާރުލުން ނުދޭތީ، ބަންޑާރަނައިބުގެ އޮފީހުން ފަހުން ވަނީ އިތުރަށް ދެން އޭނާއަށް ވަކީލެއް ހަމަޖައްސައިނުދިނުމަށް ނިންމާފައެވެ.
ޝިއާއުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަނީ ހައެއްކަ މަސް ހޭދަކޮށްފައެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވީ ޝާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުހޯދިގެން ކަމަށެވެ.
ނަމަވެސް ފުލުހުން އޭގެ ފަހުން ބުނެފައިވަނީ ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް އޭނާގެ ފޯނު ހުޅުވިފައިވާ ކަމަށެވެ. އަދި، ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.