ބުޅަލަށް ހަމަލާ ދިން މީހާއަށް ދައުވާ ކުރަން ހަފުތާއެއް ތެރޭ ފޮނުވަނީ

މާލެ މަގުމަތީގައި އޮތް ބުޅަލަކަށް ވަޅި ޖަހާ މަންޒަރު--- ފޮޓޯ/ އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

މާލެ މަގުމަތީގައި އޮތް ބުޅަލަކަށް ވަޅިން ހަމަލާދިނުމުން ހައްޔަރުކުރި މީހާއަށް ދައުވާކުރަން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން އިއްޔެ ބުނެފިއެވެ.

މާލޭގައި މީހަކު ބުޅަލަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް އިތުރުކޮށްފައެވެ.

އޭނާގެ ބަންދަށް ފުރަތަމަ 15 ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން މި މަހުގެ ތިނެއްގައި އޭނާ ކޯޓަށް ހާޒިރުކުރިއެވެ. އޭނާ އިތުރު ބުޅަލަކަށް ހަމަލާދޭން އުޅުނުކަމުގެ ހެކި ލިބިފައިވާކަން އެ ދުވަހުގެ ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންވެ، އޭނާގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް އިތުރުކުރިއެވެ.

އެ 10 ދުވަސް ހަމަވުމުން އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން މައްސަލަ ބައްލަވާ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ އެ މައްސަލަ ކުރިއަށް އޮތް ފަހެއް ނުވަތަ ހަތް ދުވަސް ތެރޭ ޕީޖީ އޮފީހަށް ފޮނުވޭނެ ކަމަށެވެ.

އުމުރުން 45 އަހަރުގެ އެ މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖެހުމުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ބުންޏެވެ.

ގާނޫނުލްއުގޫބާތުގައި ވަނީ އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ޖިނާއީ ކުށެއް ކަމަށް ބަޔާންކޮށްފައެވެ.

comment ކޮމެންޓް