އަބީޝެކް ބައްޗަނާއި އައިޝްވާރިޔާ ރާއީގެ ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވާކަމުގެ އަޑު ފެތުރިފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ އަބީޝެކް ކުރިން ކައިވެނި ކުރަން ނިންމި ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރާ ދެ މީހުންގެ ގުޅުމަށް ނިމުން އައި ގޮތުގެ ވާހަކައެވެ.
ކަރިޝްމާއާއި އަބީޝެކްގެ ލޯބީގެ ގުޅުން ފެށުނީ 2002ވަނަ އަހަރު ރިލީޒްވި ފިލްމު "ހާން މޭނޭ ބީ ޕިޔާރު ކިޔާ" އިންނެވެ. ދިގު ފަސް އަހަރު ވަންދެން ލޯބިވެރިންގެ ގޮތުގައި ތިބުމަށްފަހު ބައްޗަން އާއިލާއަށާއި ކަޕޫރު ޚާންދާނުގެ ލަފައާ އެކު ދެ ތަރިން ވެސް ކައިވެނީގެ ގޮށް ޖެހުމަށް ނިންމިއެވެ. އެގޮތުން އަމީތާބް ބައްޗަންގެ 60ވަނަ އުފަން ދުވަހާ ގުޅުވައިގެން ބޭއްވި ހަފުލާއެއްގައި ކުރީގެ ބަތަލާ އަދި އަބީޝެކްގެ މަންމަ ޖަޔާ އަބީޝެކް އާއި ކަރިޝްމާގެ އެންގޭޖްމެންޓު އިއުލާނު ކުރިއެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން ދެ ތަރިންގެ އެންގޭޖްމަންޓު ރޫޅައިލުމަށްފަހު ވަކިވިކަން ވަނީ އިއުލާން ކޮށްފައެވެ.
މި ކަމާ ގުޅިގެން މީޑިއާގައި ވަރަށް ތަފާތު ގޮތްގޮތަށް ވަނީ ވާހަކަ ދެކެވިފައެވެ. އެގޮތުން ދެ ތަރިންގެ ގުޅުމަށް ނިމުން ގެނައީ ކަރިޝްމާގެ މަންމަ ކުރީގެ ބަތަލާ ބަބީތާގެ ނުފޫޒު އެކަމަށް ފޯރުވުމުން ކަމަށް ވެސް ގިނަބަޔަކު ވަނީ ބުނެފައެވެ.
މިއަދާ ހަމައަށް ވެސް އަބީޝެކް އާއި ކަރިޝްމާގެ ވަކިވުމުގެ ފަހަތުގައި ފޮރުވިފައިވާ އެންމެންނަށް އެނގޭ 'ބޮޑު ސިއްރު' ރަސްމީ ސިފައެއްގައި މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ. އަބީޝެކް ބޭނުންވީ ޙަޔާތަށް ގެންނަ ބައިވެރިޔާ އަކީ އެކްޓަރުގެ މައިންބަފައިންނާ އެކު އެއް ގެއެއްގައި ދިރިއުޅޭނެ ފަރާތަކަށް ވުމަށެވެ. ނަމަވެސް ކަރިޝްމާ ކަޕޫރަކީ އޭރު ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ފަރާތަކަށް ވުމުން ބަތަލާ ބޭނުންވީ ކައިވެންޏަށްފަހު ވަކިން ދިރިއުޅުމަށެވެ. އަދި، މިކަމުގައި އެންމެ ބޮޑު ނުފޫޒެއް ފޯރުވީ ކަރިޝްމާގެ މަންމަކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އަބީޝެކް އަކީ ފިލްމީ ކެރިއަރުގައި މާބޮޑު ކާމިޔާބީއެއް ހޯދުނު އެކްޓަރަކަށް ނުވުމުން ކަރިޝްމާގެ ފިލްމީ ކެރިއަރު ނިމުނަސް ފައިސާގެ މާ ބޮޑު ތަނަވަސްކަމެއް އެ ކައިވެނީގައި ނުހުރެދާނެ ކަމުގެ ބިރު ބަބީތާއަށް ހީވުމުން ދެ ތަރިންގެ ގުޅުން ކަނޑާލުމަށް މަންމަ ބަބީތާ ކަރިޝްމާއަށް ލަފާ ދިންކަމަށް މީޑިއާ ތަކުން ވަނީ ބުނެފައެވެ.
އެކްޓަރު އަބީޝެކް އަކީ ކުޑައިރުއްސުރެން ވެސް މައިންބަފައިންނާ އެކު އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅެމުން އައި ފަރާތަކަށް ވުމުން އަބީޝެކް ބޭނުންވިގޮތަށް ކަރިޝްމާގެ އާއިލާއިން އެއްބަސްވުމަކަށް ނައުމުން ދެ ތަރިންގެ ގުޅުމުގައި ސިއްކަ ޖެހުނެވެ. މި ދަނޑިވަޅުގައި އަބީޝެކްގެ ޙަޔާތަށް އައިޝްވަރިޔާ އައީ ގާތް ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ. އަބީޝެކް އެކޭ އެއްގޮތަށް އައިޝްވަރިޔާ އަކީ ވެސް މައިންބަފައިންނާ އެކު ދިރިއުޅެމުން އައި އާއިލީ ލޯތްބަށް ވަރަށް އިޙްތިރާމް ކުރާ ބަތަލާއެކެވެ.
އައިޝްވަރިޔާގެ މި ސިފަ އަބީޝެކްއަށް ކަމުދިޔުމާ އެކު ދެ މީހުންގެ އެކުވެރިކަމުގެ ގުޅުން ނިމުނީ ކައިވެނީގެ ސިއްކަ އެ ގުޅުމުގައި ޖެހުމަށްފަހުއެވެ. ދެ ތަރިންގެ ކައިވެންޏަށް 16 އަހަރު ވެފައިވާއިރު ޢުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ދެ މީހުންގެ އެބަހުއްޓެވެ. މި ދެ ތަރިންގެ ކައިވެނީގައި މައްސަލަތައް ޖެހުނުކަމުގެ އަޑު އެންމެ ބޮޑަށް ފެތުރުނު ދަނޑިވަޅުތެރޭ އައިޝްވަރިޔާ ވަނީ އެ އާއިލާއާ އެކު "ދަ އާޗީޒް" ޕްރިމިއާކުރި ހަފްލާގައި ބައިވެރިވެފައެވެ.