ރައީސް އޮފީހުގެ ތަރުޖަމާނަކަށް ތަޖުރިބާކާރު ނޫސްވެރިޔާ އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުޙައްމަދު ޝަހީބު މިއަދު އައްޔަންކޮށްފިއެވެ.
މި ސަރުކާރަށް ގާތްގަނޑަކަށް މަހެއްހާ ދުވަސްވީ ފަހުން ރައީސް އޮފީހަށް ތަރުޖަމާނަކު އައްޔަންކޮށްފައިވަނީ، އެ އޮފީހަށް ތަރުޖަމާނަކު ނެތް ކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރަމުން ދަނިކޮށެވެ.
ހަވީރު ނޫހުން ނޫސްވެރިކަމަށް ތައާރަފުވި ޝިހާބު ވަނީ ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި، މީޑިއާ ސްޓޭޝަންތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި ހަވީރު ނޫހުގައި އެޑިޓަރެއްގެ މަގާމާއި ފަހުން ސަން މީޑިއާގެ ސީއޯއޯގެ މަގާމު ވެސް ހިމެނެއެވެ.
ޝަހީބު ބްރޯޑްކޮމްއަށް އެންމެ ފުރަތަމަ އައްޔަން ކުރީ 2011 ވަނަ އަހަރު އެވެ. އޭނާގެ ވަނީ ކޮމިޝަންގެ ރައީސް ކަމުގެ އިތުރުން ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.
ޝަހީބު ބްރޯޑްކޮމްގައި ހުންނެވިއިރު ނިންމެވި ބައެއް ނިންމެވުންތަކާ ގުޅިގެން އޭނާއަށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން މީޑިއާތައް އެންމެ ބޮޑަށް ޖޫރިމަނާކޮށްފައިވަނީ އޭނާ ބްރޯޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނަވައިގެންނެވެ. އެ އާއެކު ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގުގައި މަސައްކަތް ކުރާ މީހުންގެ ނުރުހުން އޭނާއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އެ ޖޫރިމަނާތައް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުންނެވެ.
ޝަހީބު 2019ގައި ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކުރި ފަހުންނެވެ.
އެ ކޮމިޓީން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ޝަހީބު ގާނޫނާ ހިލާފަށް މައްސަލަތައް ކޮމިޝަންގެ ބައްދަލުވުންތަކުގައި އެޖެންޑާކުރުމާއި ގާނޫނު އަސާސީއާއި ގާނޫނު ކަށަވަރުވެފައިވާ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ކޮމިޝަންގެ ނިންމުންތައް ނިންމެވުމުގެ ފުރުސަތު ދެއްވުން ހިމެނެއެވެ.