49 ބިލިއަނުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ދައުލަތުގެ ބަޖެޓު 2024 --

އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓަށް 306 މިލިއަން އިތުރުކޮށް، ކޮމިޓީން ނިންމި ގޮތަށް ޖުމުލަ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މާލީ ވުޒާރާއިން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް، މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓެއް އިއްޔެ ވަނީ ބަހުސްކޮށް ނިންމާލައިފައެވެ. އެހެންވެ، މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި ބަޖެޓު ފާސްކުރަން ވަނީ ވޯޓަށް އަހައިފައެވެ.

ވޯޓުގައި ބައިވެރިވީ 68 މެންބަރުންގެ އިއްތިފާގުން ވަނީ ބަޖެޓު ފާސްކޮށްފައެވެ.

ބަޖެޓަށް ވޯޓަށް އެހުމުގެ ކުރީގައި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރަން ތްރީލައިން ވިޕެއް ނެރެފައެވެ.

ކޮމިޓީން ބަޖެޓު ފާސްކުރިއިރު، އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ގޮތުގައި 43،120،469،058 (43 ބިލިއަން) ރުފިޔާ ވަނީ ފާސްކޮށްފައެވެ.

އެކަމަކު، އާ ސަރުކާރުން މި ފެށޭ އަހަރަށް ބަޖެޓުކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަށް އޮތް 400 މިލިއަން ރުފިޔާއިން 10 މިލިއަން ވަނީ އުނިކޮށްފައެވެ. އަދި، އިންޑައިރެކްޓް ސަބްސިޑީ އުވައިލައި، ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ވެސް ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެހެންވެ، ބަޖެޓަށް ޖުމްލަ ބަޖެޓުގެ ގޮތުގައި 49،855،823،553 (49.9 ބިލިއަން) ރުފިޔާ ވަނީ ބަޖެޓު ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވައިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާއެވެ.

މި ނިމޭ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން މިދިޔަ އަހަރު ފާސްކުރީ 42.8 ބިލިއަން ރުފިޔާއެވެ. އަހަަރަކަށް ފަހު އަހަރެއް ދައުލަތުގެ ބަޖެޓު އަންނަނީ އެތައް ގުނައެއް ބޮޑުވަމުންނެވެ.

comment ކޮމެންޓް