ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ނިޒާމުތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އާއެކު 75 މިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ އެއްބަސްވުންތަކުގައި ހިމެނެނީ 57 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 18.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ. އެގޮތުން ސޮއިކުރި ހަތް އެއްބަސްވުމަކީ:
1/ އޭޑީބީގެ ސްޕެޝަލް ފަންޑްސް ރިސޯސަސް މެދުވެރިކޮށް 41/5 މިލިއަން ޑޮލަރުގެ ހިލޭ އެހީ
2/ ޖަޕާން ފަންޑް ފޯ ދަ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް)ގެ 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީ
3/ ކްލީން ޓެކްނޮލޮޖީ ފަންޑުގެ ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީ
4/ އޭޝިއާ ޕެސިފިކް ކްލައިމެޓް ފައިނޭންސް ފަންޑުގެ 3.8 މިލިއަން ޑޮލަރުގެ ހިލޭ އެހީ
5/ ކްލައިމެންޓް ޗޭންޖް ފަންޑު (ސީސީއެފް)ގެ ފަސް ލައްކަ ޑޮލަރުގެ ހިލޭ އެހީ
6/ އޭޑީބީގެ އޯޑިނަރީ އޮޕަރޭޝަންސް ކޮންސެޝަނަލްގެ 10 މިލިއަން ޑޮލަރުގެ ލޯން އެހީ
7/ ކްލީން ޓެކްނޮލޮޖީ ފަންޑުގެ 8.5 މިލިއަން ޑޮލަރުގެ ލޯން އެހީ
އެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ސޮއިކުރެއްވި އިރު އޭޑީބީގެ ފަރާތުން ސޮއި ކުރެއްވީ ބޭންކުގެ ސައުތު އޭޝިއާ ރީޖަނަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު މިސް ސިންޑީ މަލްވިޗިނީއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ޕްރައިވެޓް ސެކްޓާއިން އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް އިތުރު ކުރުމަށާއި ފެނަކައިން ކަރަންޓު ގަތުމަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ކުރިމަތިވެދާނެ ލަސްވުން ކުޑަކުރުމަށް ލިކުއިޑިޓީ ސަޕޯޓް ފެސިލިޓީއެއް ގާއިމުކުރާނެ ކަމަށެވެ. އަދި މަދުވެގެން ދެ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް (ކަނޑުތަކާއި، ވައިގެ ހަކަތަ) ތައާރަފު ކުރުމަށާއި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ފެނަކައިގެ ގާބިލުކަން އިތުރުކުރަމަށާއި އިއާދަކުރަނިވި ހަކަތައާ ބެހޭ ރެގިއުލޭޝަން އިތުރަށް ހަރުދަނާ ކުރުމަށް ވެސް އެ ފައިސާ ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ދަނޑުވެރިކަމުގެ ޓެކްނޮލޮޖީތައް ޓެސްޓު ކުރުމާއި ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް ކުރުމަށް ވެސް އެ މަޝްރޫއުގެ ދަށުން ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.