އިންޓަ މަޔާމީން ފެނުމަކީ އެކަށީގެންވާ ކަމެއް: ސުއަރޭޒް

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ބާސާގެ ޖާާޒީގައި -- ފޮޓޯ/ ގެޓީ

އަންނަ އަހަރު އިންޓަ މަޔާމީން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ބާސެލޯނާއަށް އެކުގައި ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ، އިންޓަ މަޔާމީއާ ގުޅުނު ހިސާބުން ފެށިގެން ސުއަރޭޒް ވެސް އެ ކްލަބަށް ދާން އުޅޭ ވާހަކަތައް ފެތުރިގެންދިޔައެވެ. އެ ވާހަކަތައް ފެތުރުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސުއަރޭޒް ވަނީ ބްރެޒިލްގެ ގްރެމިއޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް މިއަހަރުގެ ނިޔަލަށް ނިމޭ ގޮތަށް ބަދަލު ވެސް ކޮށްފައެވެ.

ގްރެމިއޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނަން ގާތްވެފައިވާ އިރު، މިހާރު ސުއަރޭޒް އިންޓަ މަޔާމީއާ ގުޅެން އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ. އަދި އޭނާ ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.

"ބައިވަރު ވާހަކަތައް ދެއްކިދާނެ. ފުރަތަަމަ އަހަރެން ވަކީލާ ވާހަކަދެއްކުމަށްފަހު، ކުރެވެން ހުރި ކަމެއް ބަލާނަން. ބްރެޒިލް ލީގު ނިމުމުގެ ކުރިން އަހަރެން އެކަމާ އުޅެން ބޭނުމެއް ނޫން. އެކަމަކު އިންޓަ މަޔާމީއާ ގުޅުމަކީ ވެސް އެކަށީގެންވާ ކަމެއް. އަހަރެން އަބަދުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ގާތް އެކުވެރިޔާއާ ވާހަކަދައްކަން. އެކަމަކު ފުރަތަމަ ކަމަކަށް އަހަރެން އިސްކަންދޭނީ އަރާމުކުރުމަށް،" ސުއަރޭޒް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ސުއަރޭޒް ބުނީ މިއީ އަންހެނުންނާއި ދަރިންނާއެކު ވަގުތު ހޭދަކުރަންވީ ވަގުތު ކަމަށާއި ބުރަ އަހަރަކަށްވުމުން އެ މީހުންނަށް ވަގުތު ދޭން ޖެހޭ ކަމަށެވެ. އަދި ކުރިމަގަށް ވިސްނާނީ އަރާމު ކުރުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

ބްރެޒިލްގައި ގްރެމިއޯއާއެކު ސުއަރޭޒް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެެވެ. ގްރެމިއޯއަށް ސުއަރޭޒް 54 މެޗުން 26 ގޯލު ކާމިޔާބުކޮށްދިން އިރު، ބްރެޒިލް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް އޭނާ ވަނީ ހޯދައިފައެވެ.

comment ކޮމެންޓް