ގެއްލުމުގެ ބަދަލަކަށް 100 މިލިއަން ނުދެން: ސަރުކާރު

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި މިހާތަނަށް 101.7 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ ފައިސާ ދޫކޮށްފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އެކަމާ ގުޅުން ހުރި ޚަބަރު ލިޔެފައި ވަނީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓާ ހަވާލާދީ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުން ފެންނަ އަދަދަކީ، އިންޓަނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ ޓްރާންސެކްޝަން ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓުކުރުމުން ރިޕޯޓު ކުރާ އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މި ސަރުކާރު ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން އިންޓަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"މީގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާ ނިންމުންތައް ވެސް ހިމެނެއެވެ. އަދި ބައެއް ފަރާތްތަކަށް ބައެއް ސެޓްލްމަންޓްތަކުގެ ޕާޓް ޕޭމެންޓްވެސް ވަނީ ހަދާފައެވެ." ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އުފެއްދި ސެޓްލްމަންޓް ކޮމިޓީ މި ސަރުކާރުން އުވާލައި، އެ ކޮމިޓީން ބެލި މައްސަތައް ބަންޑާރަނައިބު ލަފައާއެކު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އަމިއްލަ ފަރާތަތްކާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލުދިނުމަށް އުފެއްދި ސެޓްލްމެންޓް ކޮމިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުވައިލެއްވީ މިދިޔަ މަހުގެ 21ގައެވެ.

ނިމުނު ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް