ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވަނީ ފޮރިން ސެކްރެޓަރީގެ މަގާމަށް ފާޠިމަތު ޢިނާޔާ، ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ.
ފާޠިމަތު ޢިނާޔާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު ޢައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.
އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.
ނިމިދިޔަ ސަރުކާރުގައި ފޮރިން ސެކްރެޓެރީގެ މަގާމުގައި ހުންނެވީ އަހްމަދު ލަތީފުއެވެ.
ފޮރިން ސެކްރެޓެރީއަކީ ގައުމެއްގެ ހާރިޖީ ކަންކަމާއި ޑިޕްލޮމެސީ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ސަރުކާރުގެ އިސް ބޭފުޅެކެވެ. މި ދައުރަކީ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ގައުމު ތަމްސީލުކުރުމާއި މުއާހަދާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއި ހާރިޖީ ސިޔާސަތު ތަރައްގީކޮށް ތަންފީޒު ކުރުމާއި އެމްބަސީތައް ބެލެހެއްޓުމާއި ބައިނަލްއަގުވާމީ ކަންކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ކީ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.