އިންޑިއާއިން މޫސުން ލަފާކުރުމުގައި އޭއައި ބޭނުންކުރަން މަސައްކަތްކުރަނީ

އިންޑިއާގައި ވާރޭ ވެހެމުން ދަނިކޮށް މީހަކު މަގު ހުރަސްކުރަނީ: މޫސުން ލަފާކުރަން އޭއައި ބޭނުންކުރުމުން އަންދާޒާތަކުގެ ސައްހަކަން އިތުރުވެ، ހަލުވި ވާނެ ކަމަށް މާހިރުން ބުނޭ -- ފޮޓޯ/ ރޮއިޓާސް

މޫސުން ލަފާކުރުމުގައި ސައްހަކަން އިތުރު ކުރުމަށާއި މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް އިންޑިއާއިން ޓެސްޓުތަކެއް ހަދަން ފަށައިފިއެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ)އިން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތުގައި އިސްކަންދެނީ، ފެންބޮޑުވުމާއި ހިރަފުސްބޯވުން ފަދަ މޫސުން ގޯސްވުމުގެ ހާދިސާތައް މިހާރަށްވުރެ ސައްހަކޮށް އަންދާޒާ ކުރުމަށް އޭއައި މޮޑެލްތައް އުފެއްދުމަށެވެ. މި މަސައްކަތް ފަށާފައި މިވަނީ އެގައުމުގައި ފެންބޮޑުވުމާއި، މޫސުން ގޯސްވުމުގެ ހާދިސާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުގެ ކްލައިމެޓް ރިސާޗް އެންޑް ސާވިސަސް ޑިޕާޓްމަންޓުގެ ހެޑް ރޮއިޓާސްއަށް ވިދާޅުވީ އެ ޑިޕާޓްމަންޓުން އޭއައި ބޭނުންކޮށްގެން ފިނިހޫނުމިން މަތިވާނެ ކަމުގެ އިންޒާރު އާންމުންނަށް ދީފައިވާ ކަމަށެވެ. އަދި މޫސުމާ ބެހޭ އޮބްޒަވޭޝަން ސްޓޭޝަންތައް އިތުރުކޮށް، މޫސުން ކުރިއަށް ލަފާކުރާ ގޮތާ ބެހޭ މައުލޫމާތު ކުދި އަވަށްތަކާ ހިސާބަށްވެސް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުން އަންދާޒާ ކުރުމުގައި އޭއައި ބޭނުންކުރުމުން އަންދާޒާތަކުގެ ސައްހަކަން ވަރަށް ބޮޑަށް ރަނގަޅުވެ، ކަމާބެހޭ ފަރާތްތަކަށާއި އާންމުންނަށް ރަނގަޅަށް މައުލޫމާތު ލިބި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބޭނެއެވެ.

އާއްމުކޮށް މޫސުން އަންދާޒާކުރާ ގޮތްތަކުގެ ތެރޭގައި ކޮމްޕްލެކްސް ކޮމްޕިއުޓޭޝަންތަކާއި، ގިނަ އެޓްމޮސްފެރިކް ވެރިއޭބަލްތައް އެނަލިސިސް ކުރުން ހިމެނެއެވެ. އޭއައި ބޭނުންކުރާ މޮޑެލްތަކުން ގިނަ އަދަދެއްގެ މައުލޫމާތު ޕްރޮސެސް ކުރާއިރު ސައްހަކަމާއި އަވަސްވުމުގެ ފައިދާ ލިބި، އިތުބާރު ހުރި ފޯކާސްޓްތައް ކުރެވެއެވެ.

އައިއައިޓީ ދިއްލީގެ އެސިސްޓެންޓް ޕްރޮފެސަރު ސޯރަބް ރާތޯރް ވިދާޅުވި ގޮތުގައި އޭއައި މޮޑެލްތައް ބޭނުންކުރާއިރު ސުޕަކޮމްޕިއުޓަރުތައް ހިންގުމަށް ބޮޑު ޚަރަދެއް ކުރަން ނުޖެހެއެވެ. އެގޮތުން ހައި ޕާފޯމަންސް ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގައި އެފަދަ މޮޑެލް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އޭއައިގެ ސަބަބުން މޫސުން އަންދާޒާ ކުރުމަށް "އިންގިލާބީ ބަދަލުތަކެއް" ގެނެވިދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މޫސުމާ ބެހޭ އިދާރާތަކުން މިހާރު އޭއައިއަށް ސަމާލުކަން ދެނީ އޭގެ ސަބަބުން ޚަރަދު ކުޑަވެ މަސައްކަތް އަވަސްވާތީއެވެ.

comment ކޮމެންޓް