ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގެ އާބާދީ އިތުރުވާ ނިސްބަތް ނުވަތަ ޓޯޓަލް ފާޓިލިޓީ ރޭޓް (ޓީއެފްއާރު) ފުރަތަމަ ފަހަރަށް، އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ މިންވަރަށް ވުރެ ދަށަށް ހިނގައްޖެއެވެ.
އިންޑިއާގެ އޮފީސް އޮފް ދަ ރެޖިސްޓްރާ ޖެނެރަލް އެންޑް ސެންސަސް ކޮމިޝަނަރުން 2026 ވަނަ އަހަރުގެ މެއި މަހު އާންމުކުރި 'ސާމްޕަލް ރެޖިސްޓްރޭޝަން ސިސްޓަމް' (އެސްއާރުއެސް) 2024 ގެ ރިޕޯޓުން ދައްކާ ގޮތުގައި، އެ ގައުމުގެ ޓީއެފްއާރު ވަނީ އަންހެނަކަށް 1.9 ކުދިންގެ ނިސްބަތަށް ވެއްޓިފައެވެ. އާބާދީއެއް ދެމެހެއްޓުމަށްޓަކައި ޓީއެފްއާރު ހުންނަން ޖެހޭ މިންވަރު ނުވަތަ 'ރިޕްލޭސްމަންޓް ލެވެލް' އަކީ 2.1 އެވެ.
މީގެ މާނައަކީ، މިހާރު ހުރި ނިސްބަތުގައި ކުރިއަށްދާ ނަމަ، ދުރު މުސްތަގުބަލެއްގައި 1.46 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގެ އާބާދީ މަދުވާން ފަށާނެއެވެ. މިއީ 1970 ގެ އަހަރުތަކުން ފެށިގެން އާބާދީ ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައި ގައުމަކަށް އައި ވަރަށް ބޮޑު ބަދަލެކެވެ. ދެހާހުގެ އަހަރުތަކުގައި އިންޑިއާގެ ޓީއެފްއާރު ހުރީ 3.3 ގައެވެ.

އިންޑިއާގެ ޖުމްހޫރީދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޕެރޭޑުގެ ތެރެއިން -- ފޮޓޯ/ އައުޓްލުކް
އާބާދީ އިތުރުވާ ނިސްބަތް ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތައުލީމީ ފެންވަރު މަތިވުމާއި، ތުއްތު ކުދިން މަރުވާ ނިސްބަތް ދަށްވުން ހިމެނެއެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި އަންހެނުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ބޮޑުވުމާއި، ދަރިމައިވުން ކޮންޓްރޯލްކުރާނެ ވަސީލަތްތައް ފަސޭހައިން ލިބެން ހުރުމަކީ މީގެ މުހިންމު ސަބަބެކެވެ.
އެސްއާރުއެސް ރިޕޯޓުން ދައްކާ ގޮތުގައި އެއްވެސް ވަރަކަށް ތައުލީމު ހާސިލުކޮށްފައި ނުވާ އަންހެނުންގެ ފާޓިލިޓީ ރޭޓް 3.2 ގައި ހުރިއިރު، ލިޔަންކިޔަން ދަންނަ އަންހެނުންގެ ނިސްބަތް ހުރީ 1.8 ގައެވެ. އަދި ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި އަންހެނުންގެ ނިސްބަތް ވަނީ 1.6 އަށް ދަށަށް ގޮސްފައެވެ.
މީގެ އިތުރުން، އިންޑިއާގައި ތުއްތު ކުދިން މަރުވާ ނިސްބަތް (އިންފަންޓް މޯޓަލިޓީ ރޭޓް) ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ދެހާސް ސާދަ ވަނަ އަހަރު އުފަންވާ ކޮންމެ 1،000 ކުއްޖަކުން 39 ކުދިން މަރުވިއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 24 އަށް ތިރިވެފައެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި އާބާދީ އިތުރުވާ ނިސްބަތް ހުރީ ވަރަށް ތަފާތުކޮށެވެ. އެސްއާރުއެސް ރިޕޯޓުން ދައްކާ ގޮތުގައި ރިޕްލޭސްމަންޓް ލެވެލް ކަމަށްވާ 2.1 އަށް ވުރެ މަތީގައި މިހާރު ފާޓިލިޓީ ރޭޓް ހުރީ އުތުރުގެ ހަ ސްޓޭޓެއްގައި އެކަންޏެވެ. އެއީ ބިހާރު، އުއްތަރު ޕްރަދޭޝް، މަދްޔަ ޕްރަދޭޝް، ރާޖަސްތާން، ޗައްތީސްގަޅް އަދި ޖަރްކަންޑް އެވެ. މީގެ ތެރެއިން އެންމެ މަތީގައި އުޅެނީ 2.9 ގައި ހުރި ބިހާރު އަދި 2.6 ގައި ހުރި އުއްތަރު ޕްރަދޭޝްއެވެ.
މިއާ ހިލާފަށް، ތައުލީމާއި ސިއްހީ ނިޒާމު ކުރިއަރާފައިވާ ދެކުނުގެ ސްޓޭޓްތަކުގައި މި ނިސްބަތް ވަރަށް ދަށެވެ. ކެރެލާ އަދި ޓަމިލްނާޑޫގައި ފާޓިލިޓީ ރޭޓް 1.3 ގައި ހުރިއިރު، ވެރިރަށް ނިއުދިއްލީގައި މި ނިސްބަތް ހުރީ 1.2 ގައެވެ. މީގެ އިތުރުން، ރަށްފުށުގެ ސަރަހައްދުތަކުގައި ފާޓިލިޓީ ރޭޓް 2.1 ގައި ހުރިއިރު، ސިޓީތަކުގައި މި ނިސްބަތް ވަނީ 1.5 އަށް ވެއްޓިފައެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ތަރައްގީގެ އިގުތިސާދީ މާހިރު ދީޕާ ސިންހާ ވިދާޅުވި ގޮތުގައި، ދެކުނުގެ ސްޓޭޓްތަކުގައި އިގުތިސާދީ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ހާލަތު ރަނގަޅުވުމަކީ އެ ސަރަހައްދުތަކުގައި ދަރިމައިވާ ނިސްބަތް ދަށްވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.
އާބާދީ އިތުރުވާ ނިސްބަތް ދަށަށް ދިއުމުގެ ސަބަބުން އިންޑިއާގެ އިގުތިސާދަށާއި މުޖުތަމައަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
އދ. ގެ އާބާދީއާ ބެހޭ ޖަމިއްޔާ (ޔޫއެންއެފްޕީއޭ) އިން ލަފާކުރާ ގޮތުގައި އިންޑިއާގެ 'ޑެމޮގްރަފިކް ޑިވިޑެންޑް' ނުވަތަ މަސައްކަތްކުރާ އުމުރުގެ މީހުންގެ ނިސްބަތް ގިނަވުމުގެ ފައިދާ 2055 ވަނަ އަހަރާ ހަމައަށް ދެމިއޮންނާނެއެވެ. މިހާރު އިންޑިއާގެ އާބާދީގެ 66.4 އިންސައްތައަކީ އުމުރުން 15 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންނެވެ. މިއީ 2014 ވަނަ އަހަރު ހުރި 64 އިންސައްތައާ އަޅާބަލާއިރު ކުރިއެރުމެކެވެ. އަދި އުމުރުން 14 އަހަރުން ދަށުގެ ކުޑަކުދިންގެ ނިސްބަތް ހުރީ 24 އިންސައްތައިގައެވެ.

ނަމަވެސް، އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. ދެހާސް ސާދަ ވަނަ އަހަރު އުމުރުން 60 އަހަރުން މަތީގެ މީހުންގެ ނިސްބަތް 8.6 އިންސައްތައިގައި ހުރިއިރު، 2024 ވަނަ އަހަރު އެ ނިސްބަތް ވަނީ 9.7 އިންސައްތައަށް އަރާފައެވެ. ޖަޕާނާއި ސިންގަޕޫރު ފަދަ ގައުމުތަކުން 1960 ގެ އަހަރުތަކުގައި އަދި ޗައިނާއިން 1980 ގެ އަހަރުތަކުގައި މި ފައިދާ ނަގައި އިގުތިސާދު ކުރިއެރުވި ނަމަވެސް، އިންޑިއާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މަތިވުމުގެ ސަބަބުން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފިދާނެ ކަމުގެ ބިރު އެބައޮތެވެ.
ތަޖުރިބާކާރުން އިންޒާރުދެއްވާ ގޮތުގައި، އުފަންވާ ކުދިންގެ އަދަދު މަދުވުމުން، ކުރިއަށް އޮތް 30 ނުވަތަ 40 އަހަރުގެ ތެރޭގައި މަސައްކަތްކުރާނެ މީހުން މަދުވެ، އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ބުރަ ގައުމުގެ އިގުތިސާދަށް އިންތިހާއަށް ބޮޑުވާނެއެވެ.
މި ޑެމޮގްރަފިކް ބަދަލުގެ ސަބަބުން ސިޔާސީ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އެބައޮތެވެ. މި އަހަރު އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ (ލޮކް ސަބާ) ގެ ގޮނޑިތައް އާބާދީއަށް ބިނާކޮށް އަލުން ބަހާލުމަށް (ޑީލިމިޓޭޝަން) ވަނީ ހަމަޖެހިފައެވެ. އެގޮތުން 1971 ވަނަ އަހަރުން ފެށިގެން ލޮކް ސަބާގެ ގޮނޑީގެ އަދަދު 543 ގައި ހިފަހައްޓާފައިވަނީ އާބާދީ ކޮންޓްރޯލް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް، 2026 ގެ ޑީލިމިޓޭޝަންގައި އާބާދީއަށް ބަލައިގެން ގޮނޑި ބަހައިފިނަމަ، އާބާދީ ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދާފައިވާ ދެކުނުގެ ސްޓޭޓްތަކަށް (މިސާލަކަށް ޓަމިލްނާޑޫ އަދި ކެރެލާ) ލިބޭ ގޮނޑީގެ އަދަދު މަދުވެ، އާބާދީ އިތުރުވަމުންދާ އުތުރުގެ ސްޓޭޓްތަކަށް (މިސާލަކަށް އުއްތަރު ޕްރަދޭޝް އަދި ބިހާރު) ގިނަ ގޮނޑިތަކެއް ލިބިގެންދާނެއެވެ.
ދިރާސާތަކުން ލަފާކުރާ ގޮތުގައި އާބާދީއަށް ބަލައިގެން ގޮނޑި ބަހައިފިނަމަ އުތުރުގެ ސްޓޭޓްތަކަށް އިތުރު 40 އަށް ވުރެ ގިނަ ގޮނޑި ލިބޭނެއެވެ. މިއީ ދެކުނުގެ ސްޓޭޓްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ގައުމީ ސިޔާސަތުތަކާ އެއްގޮތަށް އާބާދީ ކޮންޓްރޯލް ކުރުމުން އެކަމުގެ އަދަބެއްގެ ގޮތުގައި ސިޔާސީ ބާރުވެރިކަން ގެއްލިގެން ނުވާނެއެވެ. މީގެ އިތުރުން، މުސްލިމުންގެ އާބާދީ އިތުރުވާ ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކާ ހިލާފަށް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުރިހާ ދީނެއްގެ މީހުންގެ މެދުގައި ވެސް ފާޓިލިޓީ ރޭޓް ދަނީ ދަށަށެވެ. އެގޮތުން 1992 އިން 2021 އަށް މުސްލިމުންގެ ފާޓިލިޓީ ރޭޓް 4.41 އިން 2.36 އަށް ވެއްޓިފައިވާއިރު، ހިންދޫންގެ ނިސްބަތް ވަނީ 3.3 އިން 1.94 އަށް ދަށަށް ގޮސްފައެވެ.
އާބާދީ މަދުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ބައެއް ސްޓޭޓްތަކުން މިހާރު ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން، އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން. ޗަންދްރަބާބޫ ނައިޑޫ ވަނީ އެ ސްޓޭޓްގައި އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މާލީ އިނާޔަތްތަކެއް އިއުލާނުކުރައްވާފައެވެ. މި އަހަރުގެ މެއި މަހު އޭނާ ވިދާޅުވި ގޮތުގައި، އާއިލާއަކަށް ލިބޭ ތިންވަނަ ކުއްޖާއަށް 30،000 ރުޕީސް އަދި ހަތަރުވަނަ ކުއްޖާއަށް 40،000 ރުޕީސް ސަރުކާރުން ދޭނެއެވެ. އަންދްރަ ޕްރަދޭޝްގެ ޓީއެފްއާރު މިހާރު ހުރީ 1.4 ގައެވެ. މީގެ ކުރިން ދެވަނަ ކުއްޖަކު ހޯދާ އާއިލާތަކަށް 25،000 ރުޕީސް ދިނުމަށް ވެސް އެ ސްޓޭޓުން ވަނީ ނިންމާފައެވެ.

ނައިޑޫ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އާބާދީ ކޮންޓްރޯލް ކުރުމަށް އިސްކަންދިން ނަމަވެސް، މިހާރު ހާލަތު ބަދަލުވެއްޖެއެވެ. އަދި ކުދިންނަކީ ގައުމުގެ މުއްސަނދިކަން ކަމުގައި ދެކި، އާބާދީ އިތުރުކުރުމަށް މުޖުތަމައުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ގޯއާ، ކަރްނާޓަކާ އަދި ތެލަންގާނާ ފަދަ ސްޓޭޓްތަކުން ވަނީ އަލަށް ދަރިން ހޯދާ ފަރާތްތަކަށް ހިލޭ އައިވީއެފް ހެދޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.
އިންޑިއާގެ ފާޓިލިޓީ ރޭޓް ދަށަށް ދިއުމަކީ ހަމައެކަނި އެ ގައުމަށް ކުރިމަތިވެފައިވާ ކަމެއް ނޫނެވެ. އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް މި ނިސްބަތް ދަނީ ވަރަށް ބޮޑަށް ދަށަށް ދަމުންނެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގެ ފާޓިލިޓީ ރޭޓް ހުރީ 1.0 ގައެވެ. ޓައިވާންގެ ނިސްބަތް 0.86 ގައި ހުރިއިރު، ދެކުނު ކޮރެއާގެ ނިސްބަތް ހުރީ ދުނިޔޭގައި ވެސް އެންމެ ދަށްކޮށް، 0.75 ގައެވެ.
އިންޑިއާގެ ތަފާސްހިސާބުތަކާ ގުޅިގެން ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އިންޑިއާގެ އާބާދީ އިތުރުވާ ނިސްބަތް ރިޕްލޭސްމަންޓް ލެވެލްއަށް ވުރެ ދަށަށް ގޮސްފައިވާއިރު، އެންމެ މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހުންގެ މެދުގައި މި ނިސްބަތް ދަށަށް ދިޔަތާ އެތައް އަހަރެއް ވެއްޖެއެވެ. އިންޑިއާގެ އާބާދީއާ ބެހޭ އެންމެ ފަހުގެ ތަފްސީލީ މައުލޫމާތު އެއްކުރުމަށްޓަކައި، އެ ގައުމުގެ އާ ސެންސަސްގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށާފައިވާއިރު، މި މަސައްކަތް ނިމޭނެ ކަމަށް ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުއެވެ.