ޗެލްސީއަށް އިތުރު ކުޅުންތެރިން ހޯދަން ޖެހިފައިވާ ކަމަށް އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
ޗެލްސީއަށް މި ސީޒަންގެ ފެށުން ގޯސްވެފައިވާއިރު، އެންމެ ފަހުން ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ޗެލްސީއަށް މި ސީޒަނުގައި އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހިފައިވަނީ އަނިޔާގެ މައްސަލަތައް ގިނަވުމުންނެވެ. އެގޮތުން ލީގުގައި އިއްޔެ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއަށް ވެސް ވަނީ އަނިޔާވެފައެވެ. ޗެލްސީގެ ކޯޗު ޕޮޗެޓީނޯ ދެކޭގޮތުގައި، އެ ކްލަބަށް ދިމާވެފައިވާ މައްސަލަ ވަނީ ދިރާސާކުރަން ޖެހިފައެވެ.
"ފުޓުބޯޅައިގައި ގޯލުތައް ޖަހަން ޖެހޭނެ. އަހަރެމެންނަށް ގޯލު ކުރިމަތީގައި ރަނގަޅު މަސައްކަތެއް ކުރެވިފައެއް ނުވޭ. އަހަރެން މިހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި. އަހަރެމެން މޮޅަށް ކުޅެ، ހައްގުވާ ޕޮއިންޓުތައް ލިބިފައެއް ނުވޭ. މިއީ އަހަރެމެން މޮޅުވާން ކުޅެން ޖެހޭ މެޗެއް. އަހަރެމެން ދެން ޖެހޭނީ މައްސަލަ ބަލަން. އަދި އަހަރެމެން ކުރިއަށްއޮތް ޓްރާންސްފާ މާކެޓުގައި ވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ،" އެވަންޓަން އަތުން 2-0ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޕޮޗެޓީނޯ ބުންޏެވެ.
ޖޭމްސްގެ އަނިޔާއާ ގުޅޭގޮތުން ޕޮޗެޓީނޯ ބުނީ ޖޭމްސްއަށް ކުރިމަތިވީ ފައިގެ މަސްގަނޑުގެ އަނިޔާއެއް ކަމަށާއި އޭނާއަށް އިތުރު އަނިޔާއެއް ކުރިމަތިވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ޖޭމްސްއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއްކަން ވެސް ޕޮޗެޓީނޯ ފާހަގަކުރިއެވެ.
އިއްޔެގެ މެޗުގެ ދެވަނަ ހާފުގައި ޗެލްސީ ކޮޅަށް އެވަޓަންގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަބްދޫލާޔޭ ޑޫކޯރޭއާއި ލެވިސް ޑޮބިންއެވެ. އެ މެޗުން ޗެލްސީ ބަލިވުމުން އެޓީމު ވަނީ ކުޅުނު 16 މެޗުން 19 ޕޮއިންޓާއެކު ލީގު ތާވަލުގެ 12 ވަނައަށް ވެއްޓިފައެވެ.