ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިޔާސީ މަސައްކަތުގައި އުޅުއްވާތީ ކަރެކްޝަނަލް ސާވިސްއިން އިންޒާރު ދީފައިވަނިކޮށް، އެ މަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ.
ޕީއެންއެފް އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ އެ ޕާޓީއަކީ ރައީސް ޔާމީންގެ އުފެއްދުމެއް ކަމަށާއި އެއީ އެ މަނިކުފާނުގެ އިސްލާހީ މަސައްކަތުގެ އާ ފެށުމެއް ކަމަށެވެ.
މަލީހް ވިދާޅުވީ މިއަދު ޔާމީން ޕީއެންއެފަށް ސޮއި ކުރެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކަމަށެވެ.
ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް ރައްޔިތުންނާ މުހާތަބު ނުކުރެއްވޭ ކަމަށާއި ނަމަވެސް އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.
"އެހެން ނަމަވެސް އެ މަނިކުފާނު ހުންނެވީ އެއްގޮތަކަށް ވެސް ދޫދެއްވާ ގޮތަކަށް ނޫން. ރައްޔިތުންގެ ހައްގުގައި، ދިވެހި ގައުމުގެ ހައްގުގައި، އިސްލާމް ދީނުގެ ހައްގުގައި ސާބިތުކަމާއެކު ދިވެހި ރައްތިރުންނާ އެކު ކުރިއަށް ވަޑައިގަތުމުގެ ފުރިހަމަ އަޒުމާއި ހިތްވަރާއެކުކަން އަޅުގަނޑު ފާހަގަކުރަން،" މަލީހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރިން ސަރުކާރުން ޔާމީނަށް ދިން ލުއިތަކަށް ވުރެ އިތުރަށް މި ސަރުކާރުން ވެސް ލުއިތަކެއް ދެވެން އޮތް ނަމަވެސް ނަމަވެސް އެފަދަ ލުޔެއް ނުދޭ ކަމަށެވެ.
"ދެން ހަމަ އަޅުގަނޑުމެން ފާހަގަކޮށްލަން ރާއްޖޭގެ ބޭރުގެ ސިފައިންގެ މައްސަލަ، ދިވެހި ކަނޑުތައް ވިއްކާލުމުގެ މައްސަލަ، ބޭރު ގައުމުތަކާ ހެދިފައި ހުރި އެކިއެކި އަސްކަރީ އެއްބަސްވުންތަކުގެ މައްސަލަ، ދިވެހި ރައްޔިތުންނަށް ބޭނުންވާ ނުވަތަ ރައްޔިތުން އެކަމަށް ކަންބޮޑުވާ ޕީޕީއެމް ޕީއެންސީ އެ މަނިކުފާނުގެ ޕާޓީން ވަކާލާތު ކުރި މުހިންމު ކަންތައްތައް މަތިން މި ސަރުކާރު ވަރަށް ބޮޑަށް ހަނދާން ނެތިފައިވާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" މަލީހު ވިދާޅުވިއެވެ.
އެހެންވެ، އާ ޕާޓީގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ އެ މައްސަލަތަކަށް ހައްލު ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޖަލްސާގައި ވަނީ ޕީއެންއެފް އުފެއްދުމަށް ފޯމް ހަމަ ކުރަމުންދާ ކަމަށާއި ރައީސް ޔާމީން ނިންމަވާފައި ވަނީ ކޮންމެ ރަށަކުން ވެސް މީހުންގެ ފޯމްތައް ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަނަށްށް ހުށަހަޅަން ކަމަށް އެ ޕާޓީން ބުންޏެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް މިދިޔަ އޮގަސްޓު މަހުގެ ހަޔެއްގައި ސުޕްރީމް ކޯޓުން ހުކުމްކުރިއެވެ. އެއާއެކު އިންތިޚާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެންގެވި ނަމަވެސް ޕާޓީން އެއާ ދެކޮޅަށް ނިންމައި، ރައީސް މުޙައްމަދު މުއިއްޒާއެކު ކުރިއަށްދާން ނިންމިއެވެ.
ރައީސް މުއިއްޒުގެ ކެންޑިޑޭސީއަށް ޔާމީން އެންމެ ފަހު ވަގުތު ތާއިދުކުރެއްވިއެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ކޯލިޝަން ދޫކުރައްވައި، ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުވުމުގެ މަސައްކަތް ފައްޓަވައިފައެވެ.
ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށް، ކަސްރަތު ކުރުންފަދަ ޚާއްސަ ކަންކަމަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ވަނީ ދީފައެވެ. ނަމަވެސް އެ މަނިކުފާނު ސިޔާސީ މަސައްކަތް ކުރައްވާތީ ކަރެކްޝަންސްއިން ވަނީ އެ މަނިކުފާނު އެއްބަސްވުމާ ޚިލާފަށް އަމަލުތައް ތަކުރާރުކުރައްވާނަމަ އިގުރާރު ބަދަލުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.