އޯތޮޕީޑިކް ބޭނުންތަކަށް ނުވަތަ މަހާއި ކައްޓަށް ދިމާވާ އެކި ގެއްލުންތަކަށް ފަރުވާކުރަން ޓްރީޓޮޕް ހޮސްޕިޓަލުގައި ޕްލޭޓޭލެޓް ރިޗް ޕްލާސްމާ (ޕިއާރްޕީ) ތެރަޕީދޭން މިއަދު ފަށައިފިއެވެ.
މި ތެރަޕީ ފެށުމަށްޓަކައި މިއަދު އެ ހޮސްޕިޓަލުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެ ތެރަޕީއާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ތެރަޕީއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑރ. ކަންނިރާޖް މަރިމުތޫ ވިދާޅުވީ، މި ތެރަޕީގައި އެންމެ ފުރަތަމަ ބަލިމީހާގެ ގައިން ލޭ ނަގާނީ ކަމަށެވެ. އެއަށް ފަހު މެޝިނެއްގެ އެހީގައި ޕްލޭޓްލެޓްއާއި ބްލަޑްސެލްސް ވަކިކޮށް، އަނިޔާ ލިބިފައިވާ ތަނަށް އެ ބައި އިންޖެކްޓް ކުރާނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕްލޭޓްލެޓަކީ އެ މީހެއްގެ އަމިއްލަ ހަށިގަނޑުގައި ހުންނަ 'ހީލިން ފެކްޓާ'އެއް ކަމަށެވެ. އޭގެ ސަބަބުން ރިއްސުމެއް ހުންނަ ތަނެއް ވެސް ރަނގަޅުވުން އަވަސްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއީ، އެ މީހެއްގެ އަމިއްލަ ހަށިގަނޑުން ހީލިން ފެކްޓާ ބޭނުންކުރާތީއެވެ.
ނަމަވެސް، މި ފަރުވާއަކީ ހުރިހާ ޕޭޝަންޓުންނަށް ދެވޭނެ ފަރުވާއެއް ނޫންކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އޭނާ ވިދާޅުވީ ހޭމްސްޓަރިން އިންޖަރީތަކަށް ޕީއާރްޕީއަކީ ވަރަށް ރަނގަޅު ފަރުވާއެއް ކަމަށެވެ. އެގޮތުން އާންމުކޮށް ފުޓުބޯޅަ ކުޅުންތެރިންނަށް ކުރިމަތިވާ މިފަދަ އަނިޔާތަކުގައި މަސްގަނޑަށް އިންޖެކްޓު ކުރުމުން ވަރަށް އަވަހަށް ފަސޭހަވާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި، ކުދިކުދި ތަދުތަކަށް ވެސް މި ފަރުވާއަކީ ރަނގަޅު ފަރުވާއެއްކަން އޭނާ ވަނި ފާހަގަ ކުރައްވައިފައެވެ.

ޕީއާރްޕީ ތެރަޕީ ފެށުމުގެ ގޮތުން އެ ހްސްޕިޓަލުގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ޕްރޮސެސް ކުރިއަށްދާ ގޮތް ކިޔައިދެނީ -- ސަން ފޮޓޯ
އޭނާ ވިދާޅުވީ އުޅަނބޮށި ފަދަ ތަންތަނަށް ލިބޭ އަނިޔާތަކަށް ފަރުވާ ކުރުމަށް އެންމެ ރަނގަޅު ގޮތަކީ، ފުރަތަމަ ފިޒިއޮތެރަޕީ ހެދުމަށް ފަހު ރަނގަޅު ނުވެއްޖެނަމަ ޕީއާރްޕީ ތެރަޕީ ހެދުމެވެ.
މި ތެރަޕީއަކީ ތަންތަނުގައި ރިއްސުމުގެ އިތުރުން، އެހެން ބަލިތަކަށް ވެސް ބޭނުންކުރާ ފަރުވާއެއް ކަމަށާއި އެހެން ނަމަވެސް ޓްރީޓޮޕުގައި އަދި މި ފަރުވާ ދޭން ފެށީ މަސްގަނޑާއި، ކަށިތަކުގައި ރިއްސާ މީހުންނަށް އެކަނި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
މި ފަރުވާއަށް އަދި އާސަންދަ ނުލިބުނު ނަމަވެސް އެ ފަރުވާއަށް އާސަންދަ ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރީޓޮޕުން ބުންޏެވެ.
މި ފަރުވާއަކީ އިސްތަށި ފެޅުވުމުގެ އިތުރުން ރިޕްރޮޑަކްޓިވް މެޑިސިނެއްގެ ގޮތުގައި ވެސް ބޭނުންކުރާ ފަރުވާއެކެވެ.