މާލެއާއި ހުޅުމާލެއާއި ދެމެދު އެމްޓީސީން ދުއްވާ އާރުޓީއެލް ބަސްތަކުގެ ގޮނޑިތަކުގައި ބޮޑަށް ކުރަހާ ކަމަށް ފާހަގަވަނީ ސްކޫލު ކުދިން ކަމަށް އެމްޓީސީން ބުނެފިއެވެ.
ބަހުގެ ސީޓުތަކުގައި ކެރުހުމާއި އެ ނޫން ވެސް ގެއްލުން ދިނުމަކީ ވަރަށް އާންމު މައްސަލައެކެވެ. ހަމައެއާއެކު ބަހަށް ގްރޫޕު ހަދައިގެން އަރާ ޒުވާން އުމުރުގެ ކުދިން ބޭއަދަބީ ބަސްބަހުން މުއާމަލާތްކޮށް އަޑުގަދަކުރުމަކީ ވެސް އާންމު ކަމެކެވެ.
މި ކަމާ ގުޅިގެން އެކިފަހަރު މަތީން މީގެ ކުރިން ވެސް އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެމްޓީސީސީން ވެސް އަންނަނީ ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރާއިރު އަޚްލާގީ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑު ހަނދާންކޮށްދެމުންނެވެ.
ނަމަވެސް އަނެއްކާ ވެސް މި މައްސަލަ ބޮޑުވެ ސޯޝަލް މީޑިއާގައި މި ކަމުގެ ކަންބޮޑުވުންތައް އަންނަނީ ފާޅުކުރަމުންނެވެ.
މި ކަމާ ގުޅިގެން މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން މި ފަދަ އަމަލުތައް ހުއްޓުވުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. އަދި އާންމު ދަތުރުފަތުރަށް އެންމެން ވެސް ބޭނުންކުރާ މިފަދަ ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
"ބަހުގައި އިތުރު ކެމެރާ ހަރުކޮށްގެން ވިޔަސް، މުވައްޒަފުން އިތުރުކޮށްގެން ވިޔަސް މިފަދަ ކަންކަން ހުއްޓުވެންޖެހޭ. މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ބަހުގައި ދަތުރުކުރާ ކޮންމެ މީހެއްގެ ވެސް ޒިންމާއެއްކަމަށް ދެކެންޖެހޭ" ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިން ދަސްކުރާނީ މި ކަހަލަ ބޭއަދަބީ ކަންކަން ކުރުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެމްޓީސީސީ "ސަން"އަށް ބުނީ ސީޓުތަކުގައި ކުރެހުން ބޮޑަށް ފާހަގަވަނީ ސުކޫލު ކުދިންގެ ފަރާތުންކަމަށެވެ.
އެހެންކަމުން އެ ކަން ހައްލުކުރުމަށް އެވެއާނަސް ޕްރޮގްރާމްތަކާއި ސުކޫލާއި ބެެލެނިވެރިންން ދަރިވަރުންނަށް ނަސޭހަތްދިނުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށް އެމްޓީސީން ބުނެއެވެ.
"ސުކޫލަށްދާ އުމުރުފުރައިގެ ޓީންއޭޖް ކުދިން އާންމުކޮށް މިފަދަ އަމަލުތައް ކުރާ ކަމަށް ފާހަގަކުރެވޭ. ސުކޫލް އަދި ބެލެނިވެރިންނަށް އިލްތިމާސްކުރެވިފައިވާނީ ކުދިންނަށް ނަސޭހަތް ދިނުމަށް" އެމްޓީސީސީން ފާހަގަކުރިއެވެ.
އަދި އެ ކަން ހުއްޓުވުމަށް ޓަކައި ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމުތަކުގައި އެވެެއާނަސް ވީޑިއޯތަކާއި އެވެއާނަސް ސެޝަންތައް ކުރިއަށްގެންދާ ކަމަށް ވެސް އެމްޓީސީން ވަނީ ބުނެފައެވެ.