މި އަހަރުގެ ފެބްރުއަރީ 24 ގައި މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، އިޒްމީރު، މުހައްމަދު އަހުމަދު ދީދީ (ނައުޝާދު)އަށް ހަމަލާދިންކަމުގެ ތުހުމަތުވާ ދެ މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.
ކްލާސާ ނަމަކަށް ކިޔާ ފިހާރައެއް ތެރެއަށް ޒުވާނާ ވަނީ އޭނާ ހޯދަމުން ދިޔަ ބަޔަކަށް ފިލުމަށެވެ. އޭނާ ފިހާރައިގެ ތެރޭ ހުއްޓައި ސައިކަލެއްގައި އައި ދެ މީހަކު އެ ފިހާރައަށް ވަދެ، އޭނާއަށް ހަމަލާ ދިނީއެވެ. ލިބުނު ޒަޚަމުތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، ފެބްރުއަރީ މަހުގެ 27 ގައި "ނައުޝާދު" ވަނީ މަރުވެފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ މިދިޔަ މަހު 30 ގައި އުފުލާފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ:
- ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު
- ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީ
ދެ މީހުން ވެސް މިހާރު ތިބީ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ތުހުމަތުވާ ފައިޙް ފުރަތަމަ ހައްޔަރުކުރީ އެހެން މާރާމާރީއެއްގެ ތުހުމަތުގައެވެ. އެކަމަކު، އޭނާ ވެސް މިހާރު ބަންދުކޮށްފައިހުރީ މި މައްސަލައާ ގުޅިގެން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ސިލްސިލާ މާރާމާރީތަކެއް މާލޭގައި ހިންގަމުން ދަނިކޮށް ފައިހު ހޯދަން އިއުލާންކުރީ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުއެވެ. ނަމަވެސް މަހަކަށްވުރެ ގިނަ ދުވަހު ފިލައިގެން އުޅުމަށް ފަހު އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވީ މާޗު މަހުގެ 21ވަނަ ދުވަހުއެވެ.
ފައިހުގެ މައްޗަށް އޭރު އުފުލާފައި ވަނީ ތިން ދައުވާއެކެވެ. އެއީ، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އަދި، ގައިގައި އަތްލުމުގެ ދައުވާއެވެ. އެ ދައުވާތައް އުފުލީ ޑެ ޕަބްލިކް ކެފޭ ތެރޭގައި ހިންގި މާރާމާރީއަކައި ގުޅިގެންނެވެ.
ނައުޝާދުގެ މަރުގެ މައްސަލައިގައި ސިރުޙާން ހައްޔަރުކުރީ ފެބްރުއަރީ މަހުއެވެ.