ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަން ފަށައިފި

ވޮލީބޯލް އެސޯސިއޭޝަން ކަޕް 2022ގެ އަންހެން ޑިވިޝަންގެ މެޗެއް ކުރިއަށްދަނީ -- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ މެޗުތައް ފަށައިފިއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލްގައި ކުރިއަށްގެންދާ އެ މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް އިއްޔެ ފެށި އިރު، ފުރަތަމަ ދުވަހު ވަނީ ހަތަރު މެޗެއް ކުޅެފައެވެ.

އަންހެން ޑިވިޝަންގައި އިއްޔެ މެންދުރު ކުޅުނު "ޕޫލް އެކެއް"ގެ މެޗުގައި ޕޮލިސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ބަލިކޮށްފައެވެ. ޕޮލިހުން މެޗުގެ ސެޓުތައް ގެންދިޔައީ 25-17، 25-15 އަދި 25-11 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ އަންޗަނާ ޗަންގްކަމްއެވެ.

އިއްޔެ މެންދުރުފަހު ކުޅުނު "ޕޫލް އެކެއް"ގެ މެޗުގައި ވޮލީބޯލް އެކެޑަމީ އަތުން ހިންމަފުށި ވިކްޓޯރިއަސް އެސްސީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ހިންމަފުށި ވިކްޓޯރިއަސްއިން މެޗުގެ ސެޓުތައް ގެންދިޔައީ 25-12، 25-21 އަދި 25-9 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިންމަފުށި ވިކްޓޯރިއަސްގެ މުނިޔަތުންނިސާއެވެ.

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު "ޕޫލް ދޭއް"ގެ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. އަލްމާ ސްޕޯޓްސް އިން މެޗުގެ ސެޓުތައް ގެންދިޔައީ 25-9، 25-18 އަދި 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަލްމާ ސްޕޯޓްސްގެ ބިދޭސީ ކުޅުންތެރިޔާ ރަތުރީ ވުލަންޑާރީއެވެ.

ރޭ ކުޅުނު "ޕޫލް ދޭއް"ގެ މެޗުގައި ހުޅުމާލެ ފްރެންޑްސް އެސްސީގެ މައްޗަށް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ 25-7، 25-10 އަދި 25-8 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ބިދޭސީ ކުޅުންތެރިޔާ އުޝާ ބަންދާރީއެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި މިފަހަރު 12 ޓީމަކުން ވާދަކުރާ އިރު، އެ ޓީމުތައް ބަހާލާފައިވަނީ ތިން ގްރޫޕަކަށެވެ. ގްރޫޕު ސްޓޭޖު މެޗުތަކަށްފަހު ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރީގައި އޮންނަ ދެ ޓީމުގެ އިތުރުން ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމެވެ.

އެ މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ މެޗުތަކެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު 12:15ގައި ބައްދަލުކުރާނީ ކްލަބު ހާފް ލައިން ލިންކޭޖާއި އައްޑޫ ސްޕޯޓްސް ކްލަބެވެ. މިއަދު މެންދުރުފަހު 2:15ގައި ކުޅޭ ކުއާޓާގެ މެޗުގައި ކްލަބު އާބަންކޯ އާއި ރަންވެލި ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، މިއަދު ހަވީރު 4:15ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުޑީސް ސްޕޯޓްސް ކްލަބާއި ސިޓީ ސްޕޯޓްސް ކްލަބެވެ. އަދި، މިރޭ 8:15ގައި ކުޅޭ ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ އާއި ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް