ފެން ކެނޑުނުތާ ދެ ދުވަސް، އަދިވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ނުލިބޭ

އައްޑޫ ސިޓީ --

އައްޑޫއާ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ކެނޑުނުތާ ދެ ދުވަސް ވެފައި ވާއިރު، އަދިވެސް ފެން ނުލިބޭކަމުގެ ޝަކުވާތައް ފެންމަތި ވެއްޖެއެވެ.

އެކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފެނާ ނުލާ ރައްޔިތުން އެހާ ގިނަ ވަގުތު އުޅެންޖެހުމުން ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވާ ކަމަށް ވިދާޅުވެފައެވެ.

އައްޑޫ ސިޓީއަށް ސާފު ބޯފެން ފޯރުކޮށްދެނީ ފެނަކައިންނެވެ. އެ ސިޓީން ފެން ކެނޑިފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ.

ފެނަކައިން އިއްޔެ ބުނީ ފެން ކެނޑެން މެދުވެރިވީ އާރޯޕްލާންޓްގެ ވީއެފްޑީ ޑްރައިވަށް ދިމާވި ގެއްލުމެއްގެ ސަބަބުން ކަމަށެވެ. އަދި މާލެއިން ވީއެފްޑީ ޑްރައިވެއް ގެނެސް މިހާރު އައްޑޫގައި އިންސްޓޯލް ކުރެވިފައި ވާކަމަށް ފެނަކައިން ރޭ ބުންޏެވެ.

ފެނަކައިން ރޭ ބުނީ، ކޮންޓްރޯލް ކޭބަލް ކޮންފިގަރޭޝަން އަދި ސިސްޓަމް ޕްރޮގްރާމިންގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި އެއްގަޑިއިރު ތެރޭ ފެން ލިބޭނެކަމަށް ފެނަކައިން ރޭ 12:30ގައި ބުނެފައި ވެއެވެ.

އައްޑޫސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެމްބަރު އަހްމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ، ރޭ ދަންވަރު ފެން ލިބޭނެކަމަށް ފެނަކައިން މައުލޫމާތު ދިންކަމަށެވެ. ނަމަވެސް އަދިވެސް ފެން ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު އައްޑޫގެ ގިނަ މީހުން ފެން ބޭނުންކުރަނީ މިނެރަލް ވޯޓާ ގަނެގެންނާއި ވަޅުން ފެން ނަގައިގެން ކަމަށެވެ.

އައްޑޫއަކީ މާލޭ ސިޓީ ނެގުމަށް ފަހު އެންމެ އާބާދީ ބޮޑު ސިޓީއެވެ. ޖުމުލަ 12،000 އަށްވުރެ ގިނަ ރައްޔިތުން އައްޑޫގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ބޮޑު ބައެއް އުޅެނީ ގުޅިފައިވާ ރަށްތަކުގައެވެ.

comment ކޮމެންޓް